ދުނިޔެ

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގުން. ފޮޓޯ:ޑަބްލިޔުޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2026، 05:02

22 ނޮވެމްބަރު 2026، 05:02

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއާ އިންވެގެން އޮންނަ ބަންޓެން ޕްރޮވިންސްގައި ހުންނަ ފޮނިކާތަކެތި އުފައްދާ ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 3 މީހުން މަރުވެ، 36 މީހުން ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު 'މިލްކިޓާ' ބްރޭންޑުގެ ކިރުގެ ބާވަތްތަކާއި މެޓާ އުފައްދާ ފޮނޫސާ އަގުންގް މުލިއާ ކާރުޚާނާގައެވެ. އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިމާރާތުން މަދުވެގެން 15 މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަލިފާން ރޯވި ވަގުތު އެތަނުގައި ގާތްގަނޑަކަށް 60 މީހުން މަސައްކަތް ކުރަމުން ދިޔަ ކަމަށް ބަންޓެން ޕްރޮވިންސްގެ ގަވަރުނަރު އަންދްރާ ސޯނީ ވަނީ ވިދާޅުވެފައެވެ.

ރެސްކިއު އޮފިޝަލް ރިޒްކީ ދުވިިއާންޓޯ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވިތާ 12 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރުވެސް ބައެއް ސަރަޙައްދުތަކުގައި އަދިވެސް އަލިފާން އަނދަމުންދާތީ، އަލިފާން ނިއްވުމާއި ފިނިކުރުމުގެ މަސައްކަތް ސެރަންގް ޑިސްޓްރިކްޓާއި ބަންޓެން ޕްރޮވިންސްގެ ފަޔަރފަައިޓަރުން ކުރަމުންދާ ކަމަށެވެ. އަދި ރެސްކިއު ޓީމުތަކާއި، އަލިފާން ނިއްވާ ފަރާތްތަކުގެ އިތުރުން އިންޑޮނޭޝިއަން ރެޑް ކްރޮސް ގުޅިގެން މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ސަރަޙައްދުތައް ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިން ބުރިއަށް ހަދާފައިވާ އެ އިމާރާތުން ކަޅު ދުން އަރަމުންދާ މަންޒަރާއި، ކާރުޚާނާގެ އެތެރޭގައި ހުރި ގިނަ މެޝިނަރީތަކާއި ވަސީލަތްތައް އަނދައި ހުލިވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. މީގެ އިތުރުން، އެތަނުގައި މަސައްކަތްކުރާ މީހުންގެ ޢާއިލާތަކުން ކާރުޚާނާ ބޭރުގައި ކަންބޮޑުވުމާއެކު އެއްވެ ތިބި މަންޒަރުވެސް އާންމުވެފައިވެއެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް އިންޑޮނޭޝިއާގެ އެކި ތަންތަނުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ރޯވި އަލިފާނެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު ނިކަލް ޕްރޮސެސްކުރާ ކާރުޚާނާއެއްގައި ހިނގި ގޮވުމެއްގައިވެސް 13 މީހުން ވަނީ މަރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450