ދުނިޔެ
ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާތީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން މުޒާހަރާކުރަން ފަށައިފި
ޣައްޒާގެ ޑޮކްޓަރުންނާއި ޕެރަމެޑިކުން ދުނިޔެއަށް މެސެޖެއްދެނީ.
އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި އާންމުން ދިރިއުޅޭ އިމާރާތްތައް ހުއްޓުމެއްނެތި ބިމާހަމަކުރަމުންދާތީ، ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ރައްޔިތުންނެއް މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ.
މި މުޒާހަރާތައް ކުރިއަށްދަނީ މިދިޔަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ފަހަތަށް ޖެހެން ކަނޑައެޅި ސަރަހައްދުގެ އިން ފަހަނައަޅައި، އިތުރު ސަރަހައްދުތަކަށް އަރައިގަނެ ގެދޮރު ހަލާކުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ ދައިރުލްބަލަޙްގައި ހުރެ އަލްޖަޒީރާއަށް މައުލޫމާތު ދިން ނޫސްވެރިޔާ މުޢާޒު އަލްކަހްލޫތު ބުނި ގޮތުގައި، އޮކްޓޫބަރު 2025 ގައި އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން ކަނޑައެޅި "ރީނދޫ ރޮނގު" (ޔެލޯ ލައިން) ކައިރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ އިސްރާއީލުގެ ވަރުގަދަވަމުންދާ ވައިގެ ހަމަލާތަކާއި ދެކޮޅަށް ހޮނިހިރު ދުވަހު އަޑުއުފުލާފައެވެ.
މަޣާޒީ މުނިސިޕަލިޓީގެ މޭޔަރު މުޙައްމަދު މުސްލިޙް ވިދާޅުވީ، މަހެއްހާ ދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ޔުނިޓު ސުންނާފަތިކޮށްލާފައިވާ ކަމަށާއި، މިއީ ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށްލުމަށް ރޭވިގެން ހިންގާ ނުރައްކާތެރި ސިޔާސަތެއް ކަމަށެވެ.
ޣައްޒާގެ ޕަބްލިކް ވޯކްސް އެންޑް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 80 އިންސައްތަ ގެދޮރު ހަލާކުވެ، 350,000 އާއިލާއެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. މީގެއިތުރުން، ފަހަކަށް އައިސް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އިސްރާއީލު ސިފައިން ފަހަތަށް ޖެހުމަށް ފުރަތަމަ ކަނޑައެޅި ރޮނގު އިރުމައްޗަށް އޮތް ނަމަވެސް، އިތުރު ސަރަހައްދުތަކަށް ގަދަކަމުން ވެރިވެގަތުމުގެ ސަބަބުން މިހާރު ޣައްޒާގެ ތިންބައިކުޅަ ދެބައި އޮތީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ.
މި ހަމަލާތަކާއި ގުޅިގެން ޝަހީދުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ޣައްޒާ ސިޓީގައި ކާބޯތަކެތީގެ އެހީ ބަހަން ދިޔަ ވޭނަކަށް ޑްރޯން ހަމަލާދީ ޝަހީދުކޮށްލި ތިން މީހުން ހިމެނެއެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 9 މީހުން ޝަހީދުވެފައިވާއިރު، އޮކްޓޫބަރު 2025 ގެ އެއްބަސްވުމަށްފަހު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 1,661 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 6,062 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މީގެއިތުރުން، ޣައްޒާގެ ސިވިލް ޑިފެންސް އިދާރާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، މެދުތެރޭ ޣައްޒާގެ ނުސައިރާތު، ޒަވާޢިދާ އަދި ދައިރުލްބަލަޙްގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ 39 އިމާރާތެއްގެ ދަށުން 129 މީހެއްގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް ވަނީ ނަގާފައެވެ. މި ސަރަހައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ 233 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް މެދުތެރޭ ޣައްޒާގެ ސިވިލް ޑިފެންސް ޑިރެކްޓަރު ރާމީ އަލްޢައިދީ ވިދާޅުވިއެވެ.
ރެޑް ކްރޮސްގެ އެހީތެރިކަމާއެކު 53 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތް ނިންމާލާފައިވާއިރު، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 8,000 އެއްހާ މީހުންގެ ހަށިގަނޑު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 4,000 ހަށިގަނޑު ވަނީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައެވެ. އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ހުރިހާ ހަށިގަނޑެއް ނެގުމަށް 8 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ސިވިލް ޑިފެންސުން ވަނީ އިންޒާރު ދީފައެވެ.