ދުނިޔެ

އިސްރާއީލު ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްޠީނުގެ ޒައިތޫނި ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް

އިސްރާއީލު ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްޠީނުގެ ޒައިތޫނި ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް

އިސްރާއިލްގް ވަޒަންވެރިން ފަލަސްޠީނުގެ ޒައިތޫނި ދަނޑުތަކަށް ގެއްލުންދިނުން. ފޮޓޯ:އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2026، 01:33

22 ނޮވެމްބަރު 2026، 01:33

ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި މިއަހަރުގެ ޒައިތޫނި ކެނޑުމުގެ މޫސުމުގައި 4،000 އަށްވުރެ ގިނަ ޒައިތޫނި ގަހާއި ގަސްމުދައްކާ ހަލާކުކޮށްލާފައިވާ ކަމަށް އިންސާނީ އެހީދޭ ޖަމްޢިއްޔާތަކުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. ވޭތުވެދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް ވަޒަންވެރިން ދިން 400 އަށްވުރެ ގިނަ ހަމަލާ ރެކޯޑުކުރެވިފައިވާއިރު، މިއީ ކުރީ އަހަރުތަކުގެ މިފަދަ މޫސުންތަކާ އަޅާބަލާއިރު އެންމެ ގިނަ އަދަދެއްގެ ހަމަލާތައް ފާހަގަކުރެވުނު މޫސުން ކަމަށް އދ.ގެ އެޖެންސީތަކާއި އިންސާނީ އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.

އދ.ގެ ކޯޑިނޭޓަރު އިސްވެ ހުންނަވާ 'ހިއުމަނިޓޭރިއަން ކަންޓްރީ ޓީމް' (އެޗްސީޓީ) ގެ ދަށުން މަސައްކަތްކުރާ ބައިނަލްއަޤްވާމީ އަދި ފަލަސްޠީނުގެ ޖަމްޢިއްޔާތަކުން ބުނި ގޮތުގައި، ކުރީ އަހަރުތަކުގައި ހަމަލާތައް މަދު 'އޭރިއާ އޭ' އަދި 'އޭރިއާ ބީ' ފަދަ ސަރަޙައްދުތަކަށްވެސް ވަޒަންވެރިންގެ އަނިޔާވެރިކަން މިހާރު ވަނީ ފުޅާވެފައެވެ. މި ހަމަލާތަކުގައި ފަލަސްޠީނުގެ ދަނޑުވެރިންގެ އިތުރުން އެމީހުންނާ އެއްބައިވަންތަކަން ހާމަކުރާ އެކްޓިވިސްޓުންނާއި، ނޫސްވެރިން އަދި ޑިޕްލޮމެޓުންނަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެ އިތުރުން 25،000 ކިލޯގްރާމަށްވުރެ ގިނަ ޒައިތޫނީގެ ބާވަތްތައް ވަނީ ފޭރިގަނެ ނުވަތަ ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިންނާއި އިދާރާތަކުން ހުޅަނގު އައްސޭރިން 10،000 އަށްވުރެ ގިނަ ގަސް މުލުން ލުހެ ނުވަތަ ހަލާކުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޒައިތޫނި ގަސް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކާ ކައިރި ސަރަޙައްދުތަކަށާއި ވަކިކުރާ ފާރުގެ ފަހަތުގައިވާ ބިންތަކަށް ފަލަސްޠީނުގެ ދަނޑުވެރިން ވަނުން ހުއްދަނެތި މަނާކޮށްފައިވާއިރު، ހުއްދަ ލިބޭ މަދު ދުވަސްކޮޅުގައިވެސް އެމީހުންނަށް ވަންނަން ހުރަސްއެޅުމާއި، ބިންތަކުން ނެރެލުމާއި އަދި ހަމަލާދިނުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.

ހުޅަނގު އައްސޭރީގެ 80،000 އާއި 100،000 އާ ދެމެދުގެ ޢާއިލާއެއްގެ ދިރިއުޅުން ޒައިތޫންޏާއި ޒައިތޫނި ތެލުގެ އުފެއްދުންތަކަށް ބަރޯސާވެފައިވާއިރު، މިއީ އެ ސަރަޙައްދުގެ ދަނޑުވެރިކަމުގެ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ގާތްގަނޑަކަށް 15 އިންސައްތައެވެ. ދަނޑުތަކަށް ނުވަދެވި ދަނޑުވެރިކަމުގެ އަސާސީ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގެ ގަސްތަކުގެ އުފެއްދުންތެރިކަން ދަށްވެ، ޢާއިލާތަކުގެ އާމްދަނީއަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ޖަމްޢިއްޔާތަކުން ވަނީ އިންޒާރުދީފައެވެ.

އިންސާނީ އެހީދޭ ޖަމާޢަތްތަކުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށާއި އެމީހުންގެ ދިރިއުޅުމުގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ހުރަހެއްނެތި އެމީހުންގެ ބިންތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ވެއްދުމަށާއި، ކަނޑާފައިވާ ޒައިތޫނި ރައްކާތެރިކަމާއެކު އުފުލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްވެސް އެ ޖަމާޢަތްތަކުން ވަނީ ބާރުއަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450