ދުނިޔެ
ހުޅަނގު އައްސޭރީގައި ސިއްހީ ހިދުމަތްތެރިންނަށް ދޭ ހަމަލާތައް 350 އިންސައްތަ އިތުރުވެއްޖެ: ރިޕޯޓް
ހުޅަނގުއައްސޭރީގައި ޕެރަމެޑިކުން ހަރަކާތްތެރިވަނީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށް އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ދެމުންގެންދާ ހަމަލާތައް 350 އިންސައްތަ އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ހާމަކޮށްފިއެވެ.
ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް (ޕީއެޗްއާރްއައި) އިން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2022 އާއި 2024 އާ ދެމެދު ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިންނަށް ކުރިމަތިވި މިފަދަ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިއްހީ ހިދުމަތްތެރިންކަން ސާފުކޮށް އެނގެން ތިބޭ ހާލަތްތަކުގައި ވެސް، ކުއްލި ފަރުވާ ދޭ ފަރާތްތަކަށް ހަމަލާދިނުމާއި ބިރުދެއްކުމުގެ އަމަލުތައް އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ފަރާތުން އަންނަނީ ކުރިމަތިވަމުންނެވެ.
އެ ރިޕޯޓް އެކުލަވައިލުމަށް 25 ސިއްހީ ހިދުމަތްތެރިއަކާ އިންޓަވިއުކޮށްފައިވާއިރު، ނާބުލުސް ސަރަހައްދުގެ ޕެރާމެޑިކަކު ވަނީ ޒަހަމްވެފައިވާ މީހަކަށް ފަރުވާ ދިނުމަށް އިސްރާއީލު ސިފައިން ހުރަސްއެޅި ގޮތް ކިޔައިދީފައެވެ. "އަހަރެން ހުރީ ޒަހަމްވި މީހާއާ ވަރަށް ކައިރީގައި. އޭނާއާ ހަމައަށް ފަސޭހައިން ވާސިލްވެވޭ ވަރުގެ ދުރުމިނެއްގައި. އެކަމަކު ސިފައިން އަހަރެން ހުއްޓުވީ. އޭނާ ލޭހޮޅިގެން މަރުވަންދެން އެތާ އޮތް. ސިފައިން ދިޔައީ އޭނާ މަރުވުމުން، އޭގެ ފަހުން އަހަރެމެންނަށް އޭނާއާ ހަމައަށް ދެވުނީ،" އޭނާ ބުންޏެވެ.
މީގެ އިތުރުން ސިއްހީ މަސައްކަތްތެރިންނަށް ޖިސްމާނީ އަނިޔާކުރުމާއި، ބަޑި ދިއްކޮށް ބިރުދެއްކުމާއި، ހުތުރު ބަހުން މުއާމަލާތްކޮށް ފުރައްސާރަ ކުރުމުގެ އިތުރުން ކުޑައިމީސްވާ ގޮތަށް ބަލައިފާސްކުރާ ކަމަށް އިންޓަވިއު ދިން ފަރާތްތަކުން ފާހަގަކުރިއެވެ. އެންބިއުލާންސް ދުއްވާ މީހަކު ބުނި ގޮތުގައި، ކޮންމެ ފޯނު ކޯލަކަށް އިޖާބަދިނުމަކީ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމެކެވެ. އަދި ގެއިން ނުކުމެގެން ދާއިރު އަނބުރާ އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓް އެކުލަވައިލި އިމްރާން އަނާތީ ވިދާޅުވީ، އޮކްޓޯބަރު 7، 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައަށް ފަހު ހާލަތު އިންތިހާއަށް ނުރައްކާވެފައިވާ ކަމަށެވެ. މިއީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ ކުއްލި ސިއްހީ ހިދުމަތްތަކަށް އަމާޒުކޮށް އިސްރާއީލުން ރާވައިގެން ހިންގާ ހަމަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ އަހަރު ހުޅަނގު އައްސޭރީގެ ސިއްހީ ހިދުމަތްތަކަށް އަމާޒުކޮށް 233 ހަމަލާއެއް ވަނީ ދީފައެވެ. މީގެ ތެރޭގައި އެންބިއުލާންސް ފަދަ ސިއްހީ އުޅަނދުތަކަށް ހުރަސްއެޅި 165 ހާދިސާ ހިމެނެއެވެ.
އިސްރާއީލުގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން އެންބިއުލާންސްތަކަށް ދިގު މަގުތައް ހިޔާރުކުރަން މަޖުބޫރުވެ، ހޮސްޕިޓަލަށް ދިއުމުގެ މަގުމަތީގައި ބައެއް ބަލިމީހުން މަރުވެފައިވާއިރު، ބައެއް މާބަނޑު އަންހެނުންނަށް ހޮސްޕިޓަލުން ބޭރުގައި ވިހަން ޖެހިފައިވެއެވެ. ހުޅަނގު އައްސޭރީގެ ސިއްހީ ނިޒާމު އިނދަޖެހުމުގެ ތުންފަތްމައްޗަށް ގޮސްފައިވާ ކަމަށް ޕީއެޗްއާރްއައި އިން ކުރިން ވެސް ވަނީ އިންޒާރު ދީފައެވެ.