ދުނިޔެ
ތެލުގެ ސަޕްލައި އިތުރުވުމާއެކު، ބާޒާރުގައި އަގުތައް ބޮޑުތަނުން ދަށަށް ހިނގައްޖެ
ތެޔޮ ބޯޓެއް--
ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި އިތުރުވެ، ސަރޕްލަސްއެއް އުފެދިދާނެ ކަމުގެ ނިޝާންތަކާ އެކު ތެލުގެ އަގު އަންގާރަ ދުވަހުވެސް ދަށަށް ގޮސް، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ތެޔޮ ވިއްކި އެންމެ ދަށް އަގުތަކާ ގާތަށް ވެއްޓިއްޖެއެވެ. ތެލުގެ އަގު ދަށަށް ގޮސްފައި މިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.
އަންގާރަ ދުވަހުގެ މާކެޓުގައި ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 66 ސެންޓް (0.7 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 88.71 ޑޮލަރަށް ވެއްޓިފައެވެ. މިއީ އޮގަސްޓް 31 ގެ ފަހުން ބްރެންޓް ކްރޫޑް ވިއްކި އެންމެ ދަށް އަގެވެ. މީގެ އިތުރުން ޔޫއެސް ވެސްޓް ޓެކްސަސް އިންޓަަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ފީފާއަކުން 60 ސެންޓް (0.8 އިންސައްތަ) ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 79.57 ޑޮލަރަށް ދަށްވެފައެވެ.
ޑީބީއެސް ބޭންކުގެ އެނާޖީ ރިސާޗް ހެޑް ސުވްރޯ ސަރްކާރު ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތް ނަމަވެސް ބާޒާރުގެ ސަޕްލައި ހާލަތު ރަނގަޅުވަމުން އަންނާތީ ފަހަކަށް އައިސް އަގު އުފުލުމުގެ ބާރު ކެނޑިފައިވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ނުތަނަވަސްކަމާއި ދަތުރުފަތުރަށް ހުރަސްއެޅުމުގެ މައްސަލަތައް ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ސަޕްލައި އިތުރުވެދާނެ ކަމަށް ބާޒާރުން ބަލަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އަދިވެސް އަގު މައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ގަވާއިދާ ޚިލާފު ތިން ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކުގައި ޖެހި ހޯމަ ދުވަހު ވަނީ އަލިފާން ރޯވެފައެވެ. އަދި ހަކަތަ އުފުލާ 50 ޓޭންކަރަކަށް ދިން ސައިބާ ހަމަލާތަކެއްގެ ފަހަތުގައި އީރާން ވޭތޯ އެމެރިކާއިން ބަލަމުން އަންނަ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ.
އަނެއްކޮޅުން ލީބިޔާގެ ޤައުމީ ތެޔޮ ކުންފުނީގެ ޗެއާޕާސަން ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޣައިރުގާނޫނީ ގްރޫޕަކުން ވޭލް ބަންދުކުރުމާ ގުޅިގެން މެދުކެނޑިފައި އޮތް ޝަރާރާ ތެޔޮ ހޮޅި އަލުން ހުޅުވާލައި، ޒާވިޔާގެ އަކަކޫސް ފެސިލިޓީގެ ޓޭންކުތަކަށް ތެޔޮ ފޮނުވަން ފަށާފައިވާ ކަމަށެވެ.
ތެލުގެ ސަޕްލައި ރަނގަޅުވަމުން އައި ނަމަވެސް މާކެޓް އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ތަހުލީލުވެރިން ބުނެއެވެ. އޭއެންޒެޑްގެ ސީނިއާ ކޮމޮޑިޓީ ސްޓްރެޓެޖިސްޓް ޑެނިއަލް ހައިންސް ވިދާޅުވީ، ތެލުގެ އަގުތަކާއި މާކެޓްގެ ޓްރެންޑްތަކުން ހާލަތު އާންމުވަމުން އަންނަ ކަމަށް ދެއްކި ނަމަވެސް، ލޮޖިސްޓިކްސް ދަތިތަކާއި ރައްކާކޮށްފައިވާ ތެލުގެ މިންވަރު މަދުވުމުގެ ސަބަބުން ތެލުގެ ނިޒާމު އަދިވެސް އޮތީ ކޮންމެ ވަގުތަކުވެސް ލޮޅުމެއް އަރައިފާނެ ފަދަ ހާލަތެއްގައެވެ.