Ads by Farudhun

ޚަބަރު

ރައްޔިތުން އެދޭ ނަމަ، ރަކީދޫ މީހުން މާލެ ކައިރިއަށް ބަދަލުކުރަން ސަރުކާރުން ތައްޔާރު: ވަޒީރު މުއްޠަލިބް

ރައްޔިތުން އެދޭ ނަމަ، ރަކީދޫ މީހުން މާލެ ކައިރިއަށް ބަދަލުކުރަން ސަރުކާރުން ތައްޔާރު: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2026، 01:58

24 ނޮވެމްބަރު 2026، 01:58

ވ. ރަކީދޫގެ ރައްޔިތުން އެއްބަސްވާ ކަމަށްވާ ނަމަ، މާލެއާ ކައިރި ސަރަހައްދަކަށް އެ ރަށުގެ މީހުން ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުން މީހުން އެހެން ތަންތަނަށް ހިޖުރަކުރުވުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ހަމައެކަނި ރައްޔިތުންގެ ރުހުމާ އެކު ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ވެސް ގަދަކަމުން އެއްވެސް ބަޔަކު އެހެން ރަށަކަށް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އާބާދީގެ ނިސްބަތް އިންތިހާއަށް ކުޑަ ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ނުގޮސް އޮތީ އެ ރަށުގެ ހުރިހާ ރައްޔިތުންގެ އިއްތިފާގު އެކަމަށް ލިބިފައި ނުވާތީ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައްޔިތުން އެއްބަސްވާ ނަމަ ރަސްމާލެ ނުވަތަ އަވަހަށް އާބާދުކުރެވެން އޮތް މާލެ ކައިރީގެ ސަރަހައްދަކަށް އެ މީހުން ބަދަލުކުރުމަށް ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބަދަލުވާން ބޭނުންވާ ކަމަށް ވާ ނަމަ، އަޅުގަނޑުމެންނަށް މިދެންނެވި ގޮތަށް ރަސްމާލެ ނޫނަސް، ވީހާ ވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" 

މުއްތަލިބު ވިދާޅުވިއެވެ.

ރައްޔިތުން އެދިގެން މިފަދަ ބަދަލުތައް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ މިސާލެއް ނަންގަވަމުން ވަޒީރު ވިދާޅުވީ، މ. ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކުރުމަށްޓަކައި އެމްއޭސީއެލް މެދުވެރިކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލެއް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ހިނގަމުންދާ ކަމަށެވެ. އަދި ރަކީދޫގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ހަމަ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.

ރަކީދޫގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުވުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ. ދާއިމީ ގޮތެއްގައި 60 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ގިނަ ރައްޔިތުން ވަނީ މާލެ ކައިރީގެ ރަށަކަށް ނުވަތަ ތުލުސްދުއަށް ބަދަލުވާން ބޭނުންވާކަން ރައީސްއާ ބައްދަލުކޮށް ހާމަކޮށްފައެވެ. ނަމަވެސް، އެ ރަށުން ބަދަލުވާން ބޭނުންނުވާ މީހުން ވެސް އުޅޭތީ، މިކަމުގައި ކައުންސިލްގެ ރަސްމީ ނިންމުމެއް އަދި މިހާތަނަށް ނިންމާފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450