ޚަބަރު
އެޗްޑީސީން 50 ރަށުގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމައިފި
އެޗްޑީސީން ނިންމާފައިވާ ޖިމެއް. ފޮޓޯ: އެޗްޑީސީ
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ 19 އޯގަސްޓް 2025 ގައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މިހާތަނަށް މަސައްކަތް ނިމުނު 50 ރަށުގައި ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްތައް ގާއިމުކޮށްފައެވެ. އަދި ބާކީ ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ ތެރޭގައި ބައެއް ރަށްރަށަށް އަލަށް ޖިމް ހަދަން ބޭނުންވާ ސާމާނު ފޯރުކޮށްދީ އިންސްޓޯލްކުރުމާއި، ކުރިން ހުރި ޖިމްތަކުގެ ތެރެއިން މަރާމާތުކުރަން ޖެހިފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ރައްޔިތުންނަށް ހިތްވަރު ދިނުމެވެ.