Ads by Farudhun

ޚަބަރު

އަޔޯރާގެ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ނިއުދިއްލީއަށް ފުރާވަޑައިގެންފި

އަޔޯރާގެ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ނިއުދިއްލީއަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ނިއުދިއްލީއަށް ފުރާވަޑައިގެންފި--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ނޮވެމްބަރު 2026، 02:34

24 ނޮވެމްބަރު 2026، 02:34

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 25 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ. 

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ނިއުދިއްލީގައެވެ.

އަޔޯރާގެ ގިނަ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގެ ޝިޢާރަކީ "އިނޮވޭޝަން، އޯޕަންނެސް، ރެޒިލިއަންސް އެންޑް އެޑަޕްޓެބިލިޓީ އިން ދަ އިންޑިއަން އޯޝަން ރީޖަން" އެވެ. އަޔޯރާގެ ޗެއަރމަންޝިޕް 2025 އިން 2027 އަށް ފުރުއްވަމުން ގެންދަވަނީ އިންޑިއާއިންނެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަނާގެ ތަޤްރީރުގައި ދުނިޔެއަށާއި އިންޑިއާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާނެއެވެ. 

އަދި ރާއްޖެއިން ސަރަޙައްދީ ގުޅުންތައް ދެމެހެއްޓުމުގައި ގެންގުޅޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުކަން ހާމަކުރައްވައި، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވިލުންތެރިކަމަށްޓަކައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާނެއެވެ.

މި ދަތުރުފުޅުގެ ޙަވާސާގައި އަޔޯރާގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަޒީރުންގެ ބައްދަލުވުމުގެ ކުރިން، ނޮވެންބަރު 25 އިން 26 އަށް ކުރިއަށްދާ އަޔޯރާގެ ކޮމިޓީ އޮފް ސީނިއަރ އޮފިޝަލްސްގެ 29 ވަނަ ބައްދަލުވުމުގައިވެސް ރާއްޖޭގެ ވަފުދުން ބައިވެރިވާނެއެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް 1997 ވަނަ އަހަރު އުފެއްދި އަޔޯރާގެ 22 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ބައިވެރިވެފައިވަނީ 8 ނޮވެންބަރު 2019 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450