ޚަބަރު
ޒުވާނުންގެ ނަފްސާނީ މައްސަލަތައް ދީނީ ނަޒަރަކުންވެސް ބަލަންޖެހޭ: މެޑަމް ސާޖިދާ
'ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026' ނިންމުމުގެ ރަސްމިއްޔާތު. ފޮޓޯ: ވުޒާރާ
ރާއްޖޭގެ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް، ސިއްޙީ ނަޒަރަކުން އެކަނި ބެލުމުގެ ބަދަލުގައި ދީނީ ނަޒަރަކުންވެސް އިތުރު ބެލުންތަކެއް ބަލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ 'ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026' ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ޒުވާނުންނާއި ކިޔަވާ ކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާ މިންވަރު ދިރާސާތަކުން ފެންނަން ހުރި ހިސާބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ފެންނަ ތަފާސްހިސާބުތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ އަދަދުތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އުމުރުން 13-15 ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖެއްގެ ސިއުސައިޑަލް ވިސްނުންތައް ހުރޭ. ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީ ކުރެވޭ ފަދަ އިހުސާސްކުރޭ. އުމުރުން 15-29 އަހަރާ ދެމެދުގެ ކޮންމެ 5-1 ކުއްޖަކު ނަފްސާނީ މައްސަލަ ތަހައްމަލު ކުރޭ. މިއީ ދީނީގޮތުންވެސް އިތުރު ބެލުންތަކެއް ބަލަންޖެހޭ ކަމެއް.
މެޑަމް ސާޖިދާ މުޙައްމަދު
އެކަމަނާ އިތުރަށް ވިދާޅުވީ ދިރިއުޅުމުގައި ދިމާވާ ނާއުއްމީދުތަކާ ކުރިމަތިލާން ދަސްކުރަންޖެހޭ ކަމަށާއި، އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުހިނގާނެކަން ޤަބޫލުކުރަންވާނެ ކަމަށެވެ. އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލާންޖެހޭ ހިނދު، އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށާއި، އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި ލަސްނުކޮށް ފަރުވާ ހޯދުމަށްވެސް ބާރުއެޅުއްވިއެވެ.
ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން ޚާއްސަ އިސްކަމެއް ދެމުންދާއިރު، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ސިއްޙީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުން މިހާރު ދަނީ ގެންނަވަމުންނެވެ.