Ads by Farudhun

ޚަބަރު

އޮފީހަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި އަންހެނަކު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފި

އޮފީހަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި އަންހެނަކު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހުން---

farudhun logo

ފަރުދުން

24 ނޮވެމްބަރު 2026، 06:12

24 ނޮވެމްބަރު 2026، 06:12

މާލޭގައި ހިންގަމުން އަންނަ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން އަންހެނަކު ހިމެނޭހެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އަދި މި މައްސަލައިގައި ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއް ރަށަކަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ. އެއީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) ގެ އިތުރުން ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ.

މި ވައްކަމުގެ މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން، ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކޮށްގެން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން ވަނީ ދެނެގަނެފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި، 8,845 އެމެރިކާ ޑޮލަރު ވަނީ ފެނިފައެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އޮފީހުން ޖުމްލަ 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި، 11,470 އެމެރިކާ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ޙުސައިން ޞަބާޙް (42އ) 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ޢާއިޝަތު ނަޝާޔާ (32އ) ގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ.

މި ވައްކަމުގެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450