ދުނިޔެ

ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ޣައްޒާގެ ގައިދީން އަދިވެސް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި

ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް ޣައްޒާގެ ގައިދީން އަދިވެސް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި

ޣައްޒާގެ ގައިދީންތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 08:20

25 ނޮވެމްބަރު 2026، 08:20

އިސްރާއީލުގެ ޖަލުތަކުގައި ކަނޑައެޅިފައިވާ ޖަލު ހުކުމް ފުރިހަމަކޮށް ނިމުނު ނަމަވެސް، ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ 48 މީހަކު އަދިވެސް މިނިވަންނުކޮށް ހައްޔަރުގައި ބައިތިއްބާފައިވާ ކަމަށް ފަލަސްތީނިއަން ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް-ޑިޓެއިނީސް އެފެއާޒުން ހާމަކޮށްފިއެވެ.

ޝަރުއީ ހުކުމް ހަމަވުމަށްފަހުވެސް އެމީހުން ދޫނުކޮށް ބަންދުކޮށްފައި ބޭތިއްބުމާ ގުޅިގެން، ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ޣައްޒާގެ ރައްޔިތުން މުއްދަތެއް ނެތި ހިފެހެއްޓުމަށް ބޭނުންކުރަނީ 2002 ވަނަ އަހަރު ފާސްކުރި "އަންލޯފުލް ކޮމްބެޓެންޓްސް ލޯ" (ޣައިރު ގާނޫނީ ހަނގުރާމަވެރިންގެ ގާނޫނު) އެވެ. މި ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ސާބިތުނުވި ނަމަވެސް، އިދާރީ އަމުރުތަކެއްގެ ދަށުން މީހުން ޖަލުގައި ބަންދުކޮށްފައި ބޭތިއްބުމުގެ ބާރު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.

މިގޮތަށް ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ފާދީ ޒުޣްރާ (43 އަހަރު) ވަނީ އޭނާއަށް އިއްވި 8.5 އަހަރުގެ ޖަލު ހުކުމް 2025 ވަނަ އަހަރުގެ ކުރީކޮޅު ފުރިހަމަކޮށްފައެވެ. އޮގަސްޓް 2016 ގައި ކަނޑުމަތީގައި މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި ފާދީ މިނިވަންވެގެން ދެކުނު ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް އަޑުފެތުރުމުން އޭނާގެ އާއިލާއިން އުއްމީދު ކުރި ނަމަވެސް، ފަހުން އެނގުނީ އޭނާ އަދިވެސް ދޫނުކޮށް ޖަލުގައި ހުރި ކަމެވެ. ހަމައެއާއެކު، ޑިސެމްބަރު 2015 ގައި ހައްޔަރުކޮށް 9 އަހަރުގެ ހުކުމެއް ތަންފީޒުކުރި ހިޝާމް ހަރާރާ، ޑިސެމްބަރު 2024 ގައި ހުކުމް ހަމަވި ނަމަވެސް އަދިވެސް ހުރީ އިސްރާއީލުގެ ބަންދުގައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު މީހުން ހައްޔަރުކޮށްފައިވާ އަދަދު މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމްއިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިސްރާއީލުގެ ޖަލުތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި 9,187 ފަލަސްތީނު މީހުން ބަންދުކޮށްފައިވާއިރު، އޭގެ ތެރޭގައި ޣައްޒާގެ 1,554 މީހުން ހިމެނެއެވެ. އަދި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޣައްޒާގެ 1,419 މީހަކު ހިމެނޭހެން ޖުމްލަ 9,400 އަށްވުރެ ގިނަ މީހުން ތިބީ އިސްރާއީލުގެ ބަންދުގައެވެ.

7 އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ޖަލުތަކުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ގައިދީންނަށް ބޮޑެތި އަނިޔާތައް ކުރުމާއި، ބަނޑަށް ޖެއްސުމާއި، ޖިންސީ ގޯނާކުރުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާކަން ފާހަގަކޮށްފައެވެ. އަދި އޮކްޓޯބަރު 2023 ގެ ފަހުން އިސްރާއީލުގެ ބަންދުގައި ތިއްބާ މަދުވެގެން 92 މީހަކު މަރުވެފައިވާކަން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަނގުރާމަ ފެށުނު ފަހުން އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އަށް ޖަލުތަކަށް ޒިޔާރަތްކުރުމުގެ ހުއްދަ ނުލިބޭތީ، ގައިދީންގެ ހާލަތު އާއިލާތަކަށް ސާފުވާ ގޮތެއް ނުވެއެވެ. އާއިލާތަކުން ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާއިރު، ޖަލުގައި ތިބި މީހުންނަށް އާއިލާގެ މީހުން މަރުވެފައިވާ ކަމަށް ބުނެ ނަފްސާނީ ގޮތުން އިސްރާއީލުން އަނިޔާދޭ ކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެފައެވެ. ހުކުމް ހަމަވެ މިނިވަންވާންޖެހޭ އެތައް ބަޔަކު އަދިވެސް ޖަލުގައި ތިބުމުން، އެމީހުންގެ އާއިލާތަކުން ދަނީ އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450