Ads by Farudhun

ޚަބަރު

ޒުވާނުން ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުވުމަށް ބާއްވާ "ވަރަ އެކްސްޕޯ 2026" ރަސްމީކޮށް ހުޅުވައިފި

ޒުވާނުން ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުވުމަށް ބާއްވާ "ވަރަ އެކްސްޕޯ 2026" ރަސްމީކޮށް ހުޅުވައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަރަ އެކްސްޕޯގައި / ފޮޓޯ: ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 10:22

26 ނޮވެމްބަރު 2026، 10:22

ދިވެހި ޒުވާނުންގެ ހުނަރު ކުރިއަރުވައި ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ - 2026" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްސްޕޯ ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމްއެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ހުރި ފުރުޞަތުތަކާއި، ޒަމާނަށް ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މި އެކްސްޕޯގެ އެންމެ މައިގަނޑު ބޭނުމަކީ ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަ ޒުވާނުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ ބޭނުންތެރި މަޢުލޫމާތުތައް ޙިއްޞާކުރުމުގެ ފަހި މާހައުލެއް ޤާއިމުކޮށްދިނުމެވެ.

ޖުމްލަ 176 އެގްޒިބިޓަރުންނާއެކު ފެށުނު މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު 4 ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:

  • ކެރިއަރ ޒޯން: 45 ބައިވެރިން
  • އެޑިއުކޭޝަން ޒޯން: 35 ބައިވެރިން
  • ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 23 ބައިވެރިން
  • މާކެޓް ޒޯން: 73 ބައިވެރިން

މި އެކްސްޕޯ ވެގެންދާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބިގެންދާނެ މުހިންމު މަންސައަކަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފެށި މި އެކްސްޕޯ ކުރިއަށްދާނީ މި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450