ޚަބަރު
މިޞްރުގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެގެން ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެގެން މިސްރުގައި ހިނގި ހާދިސާ---
މިޞްރުގެ ވެރިރަށް ޤާހިރާގެ ހައިވޭއެއްގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެގެން ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވުމާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މިޞްރުގެ ރައީސަށާއި، އެ ޤައުމުގެ ސަރުކާރަށް އަދި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، މި ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.
ހަމައެއާއެކު، މި ނުރައްކާތެރި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ސަލާމަތްކުރުމަށާއި، ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިގެންދިއުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ.