Ads by Farudhun

ޚަބަރު

ޞިއްޙީ ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ޞިއްޙީ ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ޞިއްޙީ ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމް ނިންމާލުން / ފޮޓޯ: ހެލްތު މިނިސްޓްރީ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 10:52

26 ނޮވެމްބަރު 2026، 10:52

ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން މޮނިޓަރ ކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދިޔަ "ވޯޓަރ އެންޑް ސެނިޓޭޝަން ފެސިލިޓީ އިމްޕްރޫވްމަންޓް (ވޮޝް-ފިޓް) ޓޫލް ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ)" ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުމްލަ 5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރޭގެ އެކި ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތްތެރިންނާއި، ޕަބްލިކް ހެލްތު ދާއިރާގެ މުވައްޒަފުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ފަންނީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެނާއި ނަރުދަމާގެ ނިޒާމާއި، ކުނި މެނޭޖްކުރުމާއި، މާހައުލުގެ ސާފުތާހިރުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި "ވޮޝް-ފިޓް" ޓޫލް ބޭނުންކޮށްގެން މިހާރުގެ ޙާލަތު ދެނެގަތުމެވެ. އަދި މި ދާއިރާއިން ޤައުމީ ފެންވަރުގައި މީހުން ބިނާކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ 2030 ވަނަ އަހަރުގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޢާއިޝަތު ޢިއްޒަތު (ގީލާ ޢަލީ) އެވެ. މީގެއިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު މިސް ޕޭޑެން އާއި، ޔުނިސެފްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބަލިމީހުންނާއި، ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިން އަދި މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ޞިއްޙީ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި ފެނާއި ނަރުދަމާގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި އަސާސީ ކަމެކެވެ. އަދި މިއީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ބަލިތައް ފެތުރުން ހުއްޓުވުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ވިލުންވެރި ޞިއްޙީ ނިޒާމެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ތަމްރީނުގެ ހުރިހާ މަރުޙަލާއެއްގައި ބައިވެރިން ދެއްކެވި ޝައުޤުވެރިކަމާއި ޢަމަލީ ބައިވެރިވުން މިނިސްޓަރު ވަނީ ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދާއިރާގެ ވިލުންވެރިކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ޤައުމީ ފެންވަރުގެ ތަމްރީނުވެރިންތަކެއް އުފެދިގެން ދިއުމާއެކު، ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކެއްގައި 'ވޮޝް-ފިޓް' ފުޅާދާއިރާއެއްގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ފެނާއި ނަރުދަމާއާއި، މާހައުލުގެ ސާފުތާހިރުކަމާއި، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450