ޚަބަރު
ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކޮށްފި
ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު
ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަން ގެ މައްޗަށް ދައުލަތުން 139 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދިންގޮތުގައި އާތިފް ގެ މައްޗަށް ދައުވާކޮށްފައިވަނީ އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި ސައިކަލު ފޯރުކޮށްދިނުމަށް މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަސައްރުފުކޮށް، ސައިކަލު ދީފައިނުވާތީ އާއި ފައިސާވެސް އަނބުރާ ރައްދުކޮށްފައިނުވާތީއެވެ. އަދި މި މި ދައުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިން ކަމަށާއި މި ދައުވާތަށް ސާބިތުވާ ހާލަތުގައި 139 ދައުވާއަށް، ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
އާތިފްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން 139 ދައުވާ ކުރާއިރު މި ދައުވާތަށް ސާބިތުވެއްޖެނަމަ މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ބަދަލުލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6.2 މިލިއަން ރުފިޔާ އާތިފުގެ އަތުން ނަގައިދިނުމަށް ވެސް މި ދައުވާތަކުގައި އެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށާއި އެ ތަހުގީގު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށެވެ.
މި މައްސަލައިގައި ގިނަ ބަޔަކު ސައިކަލު ނުލިބި އެތައް މަހެއް ވެފައިވާތީ ފައިސާ ދައްކައި ގެއްލުން ލިބުނު އިތުރު ފަރާތްތަކުން ވެސް ފުލުހަށް މައުލޫމާތު ހިއްސާކުރުމަށް އެދި 2024 ވަނ އަހަރު ފުލުހުން އިއުލާނު ކުރިއެވެ. މި ކުންފުނީގެ ފަރާތުން ބަދަލު ހޯދުމަށް ހުށަަހަޅާފައިވާ މައްސަލަތަކެއް ސިވިލް ކޯޓުގައި ހިނގަމުން އާދެއެވެ.