Ads by Farudhun

ޚަބަރު

ކޮޓަރިއަކު ދެ ދަރިވަރުން ތިބޭ ގޮތަށް 3،500ރ. އަށް އެޗްޑީސީން ޖާގަ ދޫކުރަނީ

ކޮޓަރިއަކު ދެ ދަރިވަރުން ތިބޭ ގޮތަށް 3،500ރ. އަށް އެޗްޑީސީން ޖާގަ ދޫކުރަނީ

ފޮޓޯ: އެކުވެހި އެކޮމޮޑޭޝަން ކޮޓަރިއެއް ތެރެ/ ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

27 ނޮވެމްބަރު 2026، 04:11

27 ނޮވެމްބަރު 2026، 04:11

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަރިވަރުންނަށް އަމާޒުކޮށްގެން ގާއިމްކުރި އެކޮމޮޑޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން މައުލޫމާތު ދިންގޮތުގައި އެ ކުންފުނިން ގާއިމްކުރި އެކޮމޮޑޭޝަނަކީ "އެކުވެހި" ގެ ނަމުގައި 178 ޓްވިން ޝެއަރިން ކޮޓަރި ހިމެނޭ އެކޮމޮޑޭޝަނެކެވެ. މި އެކޮމޮޑޭޝަން އިން ޖާގަ ދޫކުރަނީ 356 ދަރިވަރުންނަށް ކަމަށާއި ކޮންމެ ދަރިވަރަކު ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ ކޮންމެ މަހަކު 3،500 ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެކޮމޮޑޭޝަންތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ހިދުމަތްތަކެއް ލިބޭނެ ފަދައިން ގާއިމްކޮށްފައިވާ އެކޮމޮޑޭޝަނެކެވެ. އެގޮތުން ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާހާނާ ހުންނައިރު އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީ އަދި ލޯންޑްރީގެ ހިދުމަތްތައްވެސް ލިބެން ހުންނާނެއެވެ.

ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް އެއް ފުރާޅެއްގެ ދަށުން ފުއްދައިދިނުމަށްޓަކައި، ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިން ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިންގ ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވެސް ވަނީ ގާއިމުކޮށްފައި ހުންނާނެ. އަދި އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިން އަދި އޭޓީއެމްގެ ހިދުމަތާއި، ކެފޭ، ޖިމް، ފިހާރަތައް އަދި ޕްރިންޓިން ސެންޓަރު ފަދަ ވިޔަފާރީގެ ހިދުމަތްތައް ގާއިމުކުރާއިރު، ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް ވެސް ތަރައްގީކޮށްފައިވޭ.

އެޗްޑީސީ އިން ބުނެފައިވެއެވެ.

މި އެކޮމޮޑޭޝަނުގައި 24 ގަޑިއިރުގެ ރިސެޕްޝަން ޚިދުމަތާއި މި ކޯޕަރޭޝަންގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން ގާއިމްކުރާނެ ކަމަށާއި ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ ހުއްދަ އޮންނަ ފްލޯތަކަށް ނޫނީ ނޭރޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ. 

އެޗްޑީސީ އިން ބުނި ގޮތުގައި މި އެކޮމޮޑޭޝަންތަކަށް ކުރިމަތިލެވޭނީ އެމްކިއުއޭ އިން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުންއަންނަ މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. މި އެކޮމޮޑޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މިއަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށާއި އެކަމަށް ކުރިމަތިލެވޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ކޮންމެ ސެމިސްޓާއަކު ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަހު އެއްބަސްވުން އާކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި އެކޮމޮޑޭޝަނާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިހާރު ކުރިއަށްދާ ވަރަ އެކްސްޕޯ މެދުވެރިކޮށް ލިބޭނެ ކަމަށާއި އެ ތަން ބަލައިލަން ޒިޔާރަތްކޮށްލުމުގެ ފުރުސަތު ވެސް އެކްސްޕޯގެ ތެރެއިން ލިބޭނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450