Ads by Farudhun

ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ / ފައިލް ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

27 ނޮވެމްބަރު 2026، 11:46

27 ނޮވެމްބަރު 2026، 11:46

ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު، 2026 ނޮވެމްބަރ 25 ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

ފުލުހުން އެ ސަރަޙައްދަށް ގޮސް، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު 2 ބަޔޮނެޓް ވެސް ވަނީ ފެނިފައެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ ސަރަހައްދުން އެމީހާ ހައްޔަރުކުރިއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ފުލުހުން ވަނީ އަތުލައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • ޙަސަން ޢާހިލް (20އ) - އީޓްޖެހިގެ / ލ.ގަން، ތުނޑި
  • ޝަނޫން (25އ) - ޒިޔުރިކު / ލ.ގަން، ތުނޑި
  • މުޙައްމަދު މައިސާން ޢަލީ ނަޞީރު (21އ) - ކުދިރަތްމާގެ / ލ.މާމެންދޫ
  • ޙުސައިން މުސްރިގް (30އ) - ކެރޯލް / ލ.މާމެންދޫ
  • އިބްރާހީމް އަރުޒަލް (28އ) - ރިހިވެލި / ލ.މާމެންދޫ
  • އަޙްމަދު އިނާޒު (35އ) - ހުދުފަސް / ލ.މާމެންދޫ


މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450