ޚަބަރު
އައްޑޫގައި މިފްކޯގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރަނީ
ފޮޓޯ: މިފްކޯ
އައްޑޫ ސިޓީގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
އަނަސް މިކަން ހާމަކުރެއްވީ މިފްކޯގެ ފިހާރައެއް އައްޑޫ ހުޅުދޫގައި ހުޅުވުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އަނަސް ވިދާޅުވީ މިފްކޯގެ ފިހާރައެއް އެ ރަށުގައި ހުޅުވީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މިފްކޯގެ ފިހާރަތަކުން އެ ކުންފުނީގެ އުފެއްދުންތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.
ހަމައެކަނި ފިހާރައެއް ހުޅުވުމަކުން އަޅުގަނޑުމެންގެ މަސައްކަތް ނިމުނީ ނޫން ކަމުގައި ދަންނަވަން. އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ރޭވި، ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން.
އަނަސް ވިދާޅުވިއެވެ.
މި ޕްރޮޑަކްޝަން ހައުސްގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާގެ އާ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ވެސް އަނަސް ވިދާޅުވިއެވެ.
ރޭ ހުޅުވި މިފްކޯގެ ފިހާރައިގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިފްކޯ އިން ބުނެފައިވެއެވެ. އެގޮތުން އައްޑޫ ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ އިގްތިސާދީ މަސައްކަތްތައް ވަރަށް ބޮޑަށް ހިނގާ ރަށަކަށް ވެފައި އެކަމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މިރޭ ހުޅުވި މަސްފިހާރައިން ހެޔޮ އަގުގައި ލިބެން ހުރުމުގެ އިތުރުން އެ ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރޭ އައްޑޫ ހުޅުދޫގައި ހުޅުވި މިފްކޯ ފިހާރައަކީ އެ ކުންފުނީގެ 8 ވަނަ ފިހާރައެވެ. އަދި އެއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. މީގެ ކުރިން، އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި މިއަހަރު ތެރޭ މިފްކޯގެ މަސްފިހާރަ ހުޅުވާފައިވެއެވެ.