ސައިންސް / ރިޕޯޓް
މާ ބޮޑަށް ފިކުރުބޮޑުވުން؛ ދިފާޢީ ނިޒާމުގެ ހަތުރެއް
ޑޮކްސް މެޑިކަލް
ފިކުރުބޮޑުވެ، ނުތަނަވަސް ކަމެއްގެ މަތީގައި ގިނަވަގުތު ހޭދަކުރަންޖެހުމަކީ، ނަފްސާނީގޮތުން މީހާ ބަލިކަށިކޮށްލާ ކަމެއްކަމީ، އެންމެން ވެސް ދަންނާނެ ޙަޤީޤަތެކެވެ. ނަމަވެސް، މިފަދަ ނަފްސާނީ އުނދަގޫތަކުން، ޖިސްމާނީ ސިއްޙަތަށް ހުރި ގެއްލުމަކީ، އަނދާޒާކޮއްލަން ވެސް ދަތި ގެއްލުންތަކެއްކަން ދަންނަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންބާއެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުން، ކަންބޮޑުވެ ފިކުރުބޮޑުވުން، ނުވަތަ "ސްޓްރެސް" މާނަކުރަނީ "ދިމާވާ ކަންތައްތަކަށް، އިންސާނާގެ ސިކުނޑި ސަމާލުވާ ވުން." މި މާނައިގައެވެ. މި މާނައަށް ވިސްނާލައިފިނަމަ ކޮންމެ ކޮންމެ ބާވަތެއްގެ ސްޓްރެސްއަކީ ގެއްލުންހުރި އެއްޗެއް ނޫންކަން ވަރަށް ރަނގަޅަށް ހާމަވެގެން އެބަދެއެވެ.
ސްޓްރެސްގެ ސަބަބުން ސިއްޙަތަށް ގެއްލުން ކުރާނީ، މެދުނުކެނޑި ދިގު މުއްދަތަކަށް ފިކުރުބޮޑުވެފައި ހުންނަނަމައެވެ. ގިނަ ވަގުތު ފިކުރުބޮޑުވެފައި ހުންނަ މީހެއްގެ ސިކުނޑީގައިވާ އަމިގްޑްލާ، ނުވަތަ އޭނާގެ އިޙްސާސްތައް ދެނެގަންނަ ހިސާބު، ސިކުނޑީގައިވާ ހައިޕޯތަލާމަސްއަށް، މެދުނުކެނޑި ފިކުރުބޮޑުވެފައިވާ ކަމުގެ ނުވަތަ ނުރައްކަލެއްގެ ތެރޭގައި ވާކަމުގެ އިހްސާސް ކުރެވޭކަން އަންގައިދޭ ސިގްނަލްތައް ފޮނުވަމުންދާނެއެވެ.
ނަތީޖާއެއްގެ ގޮތުން، އިންސާނާގެ ހަށިގަނޑުގައި ކޯރޓިސޮލް ހޯމޯން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހިތުގެ ވިންދާއި، ލޭގެ ޕްރެޝަރު އިންތިހާއަށް މައްޗަށްގޮސް، ހާރޓް އެޓޭކް ފަދަ ނުރައްކާތެރި ހިތުގެ ބަލިތަކާއި ކުރިމަތިލާންޖެހުމަކީ އަހަރެއްގެ މައްޗަށް އެތައް މިލިއަން ބަޔަކު، ތަހައްމަލްކުރަން ޖެހެމުންދާ ބަލިމަޑުކަމެކެވެ.
މާބޮޑަށް ފިކުރުބޮޑުވެ، ގިނަވަގުތުތަކެއް މާޔޫސްކަންމަތީ ވޭތުކުރަންޖެހޭނަމަ، ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ ސައިކިއަޓްރިސްޓެއް، ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީ ހޯދުމަކީ ބުއްދިވެރި ގޮތެކެވެ. ހަމައެހެންމެ، ހިތުގެ ބަލިތަކުން ރައްކާވެތިބުމަށް، ކޮންމެ ދުވަހީ ދިރިއުޅުމުގައި މިންހެޔޮ ކެއުމެއް ކެއުމާއި، ފައިދާހުރި ކަސްރަތުކުރުމަށް އިސްކަންދިނުމަކީ، ނަފްސާނީ ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅިދާނެ ވަރަށް މުހިނމު ފިޔަވަޅެކެވެ.