Ads by Exprox

ޚަބަރު

މަސައްކަތް ނިންމާ މުލީ އެއަރޕޯޓުގެ ޓެސްޓް ފްލައިޓް މާރިޗު 1 ގައި ޖައްސަން ނިންމައިފި

މަސައްކަތް ނިންމާ މުލީ އެއަރޕޯޓުގެ ޓެސްޓް ފްލައިޓް މާރިޗު 1 ގައި ޖައްސަން ނިންމައިފި

މުލީ އެއަރޕޯޓް ގެ މަސައްކަތް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޑިސެމްބަރު 2024، 10:54

23 ޑިސެމްބަރު 2024، 10:54

މުލަކައަތޮޅު މުލީގައި ތަރައްޤީކުރަމުންދާ އެއަތޮޅުގެ ފުރަތަމަ ވައިގެ ބަނދަރުގެ މަސައްކަތް ނިންމައި، މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒު ހިފާފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ، މިހާރު ކުރަމުންދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި އެއަރޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް ހިމެނެއެވެ.

މުލީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މުޅި މަޝްރޫޢު ނިންމައި ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތްތައް ވަނީ ލަސްވެފައެވެ.

1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މި އެއަރޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މުލަކައަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅަކަށް ވުމާއެކު، މި މަޝްރޫޢަކީ އެ އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި އެއަރޕޯޓު ހުޅުވުމުން، އެ އަތޮޅުގައި ދިރިއުޅޭ 8000 އަށްވުރެ މަދު އާބާދީއަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco