ވިޔަފާރި
މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަ މިންވަރު އިތުރުވެއްޖެ

ގަން އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެޓުތައް ޖައްސާފައިވާ މަންޒަރު، ފޮޓޯ: ގަން އިންޓަނޭޝަނަލް އެއަރޕޯޓު
ހުލާސާ
މި އަހަރުގެ ޖެނުއަރީ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް 2،326 ޖެޓު މޫވްމެންޓް ރެކޯޑު ކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑު ކުރެވިފައިވަނީ 2.107 ޖެޓު މޫވްމެންޓު. މުޅި އަހަރަށް ބަލާނަމަ މިއީ %10 ގެ ކުރިއެރުމެއް.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޕްރައިވެޓް ޖެޓުތައް މި އަހަރު ޖައްސާ މިންވަރު މިދިޔަ އަހަރަށް ވުރެން އިތުރުވެއްޖެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ހުރިހާ ގިންތިއެއްގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވެފައި އޮންނަ ރާއްޖެއަށް ކޮންމެ އަހަރެއްގެ ނިމޭ ހިސާބަކީ އާންމު ގޮތެއްގައި ވެސް ގިނަ ޖެޓުތަކެއް އަންނަ ދުވަސްވަރެކެވެ. އަދި އަހަރުގެ އެހެން މުނާސަބަތުތަކަށް ވުރެން، އައު އަހަރާ ދިމާކޮށް އަންނަ ޖެޓުތަކުގެ އަދަދު ގިނައެވެ.
މި އަހަރުގެ ޑިސެންބަރަށް ބަލާލާއިރު، 28 ވަނަ ދުވަހުގެ ނިޔަލަށް 148 ޖެޓު ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް މި ދިޔަ އަހަރު މި މުއްދަތުގައި އައިސްފައިވަނީ 137 ޖެޓެވެ. އެހެންކަމުން މި އަހަރު ޖެޓުތައް އައިސްފައިވާ މިންވަރު މިވަނީ %8 އިތުރުވެފައެވެ.
ބޮޑު މަންޒަރަށް ބަލާލާއިރު، މި އަހަރުގެ ޖެނުއަރީ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް 2،326 ޖެޓު މޫވްމެންޓް ރެކޯޑު ކުރެވިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑު ކުރެވިފައިވަނީ 2.107 ޖެޓު މޫވްމެންޓެވެ. މުޅި އަހަރަށް ބަލާނަމަ، %10 ގެ ކުރިއެރުމެއް މިވަނީ އައިސްފައެވެ.
ޑިސެންބަރު މަހަކީ ޖެޓުތަކުގެ މޫވްމެންޓްތައް އާދަޔާ ހިލާފަށް އިތުރު މަހެއް ކަމުން، އެމްއޭސީއެލް އިން އަބަދުވެސް މި ދުވަސްވަރަށް ވަރަށް ރަގަޅަށް ތައްޔާރު ވެއެވެ. އެގޮތުން އެއާރޕޯޓުގެ ތިން ސަރަހައްދެއްގައި ޖެޓުތައް ޕާކު ކުރެވޭނެ ޖާގަ ހަދައި، އެއް ފަހަރާ 68 ޖެޓު ޕާކުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައި ވެއެވެ.
މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އަރައި ރެކޯޑު އަދަދެއް ހަމަކޮށްފައިވާއިރު، މި އަހަރު އެ އެއާރޕޯޓު ބޭނުންކޮށްފައިވާ ފަސިންޖަރުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 2.4 މިލިއަން ފަސިންޖަރުން އެ އެއާރޕޯޓު ބޭނުންކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 2.2 މިލިއަން ގައެވެ.