ޚަބަރު
ހޮނުއެޅުމުގެ ސަބަބުން ރީތި ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ވަން އެންޑް އޮންލީ ރިޒޯޓުގައި އަލިފާން ރޯވި ކޮޓަރި، ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
ރިޒޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވީ ހޮނުއެޅުމުގެ ސަބަބުން. ނަމަވެސް އެ ވަގުތު ވާރޭ ވެހެމުން ދިއުމާއި، އެ ރިޒޯޓުގެ މުވައްޒަފުން އެކަމަށް އިޖާބަދިންލެއް އަވަސްކަމުން، އިތުރު ކޮޓަރިއަކަށް އަލިފާންގަނޑުގެ އަސަރު ފޯރުމުގެ ކުރިން، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި.
މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ރޭ ދަންވަރު 2:57 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ރިޒޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އޭގެ ދޮޅު ގަޑިއިރު ފަހުން، މެންދަމު 3:23 ހާއިރު، އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ރިޕޯޓުކޮށްފައިވެއެވެ.
"ފަރުދުން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރިޒޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވީ ހޮނުއެޅުމުގެ ސަބަބުންނެވެ. ނަމަވެސް އެ ވަގުތު ވާރޭ ވެހެމުން ދިއުމާއި، އެ ރިޒޯޓުގެ މުވައްޒަފުން އެކަމަށް އިޖާބަދިންލެއް އަވަސްކަމުން، އިތުރު ކޮޓަރިއަކަށް އަލިފާންގަނޑުގެ އަސަރު ފޯރުމުގެ ކުރިން، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ރޯވި ކޮޓަރިއަކީ ހުސްކޮށް ހުރި ކޮޓަރިއެކެވެ. އެހެންކަމުން މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.