ޚަބަރު
ރަށު ކައުންސިލްތައް މެދުވެރިކޮށް ގެސްޓްހައުސްތައް އިޝްތިހާރު ކުރުމުގެ ރޯޑް ޝޯވއެއް ތައިލެންޑުގައި ބާއްވަނީ
ތައިލެންޑައި އޮންނަ ރޯޑު ޝޯވްގައި ބައިވެރިވެފައިވާކަމަށް އިއުލާންކުރުމަށް ކައުންސިލަކުން ނަގާފައިވާ ފޮޓޯއެއް
ހުލާސާ
މި ރޯޑު ޝޯވ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އިން 25 އަށް، ތައިލެންޑުގެ މަޝްހޫރު ޝޮޕިން މޯލެއް ކަމުގައިވާ ވަން ވޯލްޑްގައި.
ރަށު ކައުންސިލްތަކަށް ހާއްސަކޮށްގެން، ގެސްޓްހައުސްތައް އިޝްތިހާރުކުރުމުގެ ރޯޑު ޝޯވއެއް މި މަހު ތައިލެންޑުގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި ރޯޑު ޝޯވ އިންތިޒާމުކުރާ އެމްއައި އެޑްވަޓައިޒިންގެ ފަރާތުން ބުނީ، މި އިވެންޓުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތަފާތު މަންޒިލްތައް ތައިލެންޑުގައި އިޝްތިހާރުކުރުމެވެ.
މި ރޯޑު ޝޯވ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އިން 25 އަށް، ތައިލެންޑުގެ މަޝްހޫރު ޝޮޕިން މޯލެއް ކަމުގައިވާ ވަން ވޯލްޑްގައެވެ. މިއީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރާ މޯލެކެވެ.
މި ރޯޑު ޝޯވގައި މިހާތަނަށް 13 ރަށަކުން ބައިވެރިވެފައިވާ ކަމަށް އެމްއައި އެޑްވަޓައިޒިންގެ ފަރާތުން ހާމަކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް ރޯޑު ޝޯވގައި ބައިވެރިވެފައިވާ ކައުންސިލްތަކުގެ ތެރޭގައި ފުލިދޫ، ހިއްމަފުށި، ހިންނަވަރު، މާފުށި، މަތިވެރި އަދި ދިއްފުށި ހިމެނެއެވެ.
އެމްއައި އެޑްވައިޒިން އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ތައިލެންޑުގެ މީޑިއާތަކާ ގުޅިގެން އިވެންޓު އިޝްތިހާރު ކުރުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާނެ ކަމަށާއި، މިއީ ރަށްރަށް އިޝްތިހާރުކުރުމަށް ކައުންސިލްތަކަށް ލިބޭ ރަގަޅު ފުރުސަތެކެވެ.
ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށް ޗުއްޓީ ހޭދަ ކުރެވޭނެ ގައުމަކަށް ވިޔަސް، އަގުހެޔޮކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭ ކަމެއް ދުނިޔޭގެ ގިނަ ބަޔަކަށް ނޭންގެއެވެ. ގިނަ ބަޔަކު ރާއްޖެ ސިފަކުރަނީ ވަރަށް އަގުބޮޑު މަންޒިލެއްގެ ގޮތުގައެވެ. އެހެންކަމުން، ރާއްޖެއަކީ ހުރިހާ ފަންތިއެއްގެ ފަތުރުވެރިންނަށް އެކަށޭނެ ގައުމެއްކަން އިޝްތިހާރު ކުރުމަށް ފަތުރުވެރިކަމުގެ މަސައްކަތުގައި، ހާއްސަކޮށް ގެސްޓުހައުސް ވިޔަފާރީގައި މަސައްކަތްކުރާ ފަރާތްތަކުން އަބަދުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.