ޚަބަރު
މިއީ ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް އެންމެ ސަމާލުކަންދޭ ސަރުކާރު: ހީނާ
ވަޒީރު ހީނާ ވަލީދު---
މި ސަރުކާރަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ސަމާލުކަން ނުދޭ މިންވަރަށް ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ ސަރުކާރެއްކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ، ޤައުމިއްޔަތާ ގުޅުންހުރި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމަށް ވެސް މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށެވެ. އެގޮތުން މުހިންމު ދުވަސްތަކުގެ ގޮތުގައި ދެން އެންމެ އަވަހަށް ފާހަގަކުރުން އޮތީ މިނިވަން ދުވަހާއި ޤައުމީ ދުވަސް ކަމަށާއި، މީގެ ތެރެއިން ޤައުމީ ދުވަސް ރަސްމީ ގޮތެއްގައި ފާހަގަ ކުރާނީ ހއ. ކެލާގައިކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރުވަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ދުވަސްތައް ފާހަގަ ކުރާނީ ޒުވާން ޖީލަށް މި ދުވަސްތަކުގެ ފުރިހަމަ މަޢުލޫމާތު ދެވޭނެ ގޮތަށް ބައްޓަންކޮށްގެން ކަމަށެވެ.
އެ މަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި އެބަ ހިމެނޭ ޤައުމިއްޔަތާއި ތަރިކަ ރައްކާތެރިކުރުމާއި، އަންނާން އޮތް ޖީލްތަކަށް އަޅުގަނޑުމެންގެ ތަރިކަ ރައްކާކޮށް ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކަށް އެންމެ އިސްކަން ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި.
ވަޒީރު ވިދާޅުވިއެވެ.
މި ވިސްނުމުގައި މިދިޔަ މަހު ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކީ އެ ވުޒާރާގެ މެންޑޭޓަށް ވެސް ބޮޑު ބަދަލެއް ވަނީ ގެންނަވާފައެވެ. މި ބަދަލާއެކީ ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފަތާއި ގުޅުންހުރި ހުރިހާ ތަނެއް އެއް ހިޔާވައްސެއްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިގެން ދިއުމަކީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން މިހާރު ހިންގަމުންގެންދާ އޮފީސްތައް:
- ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން
- ޤައުމީ ކުތުބުހާނާ
- ޤައުމީ އަރުޝީފު
- ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ ދަށުން އޮލިމްޕަސް އަދި އާރްޓް ގެލެރީ
- ދިވެހި ބަހުގެ އެކެޑެމީ
- ސަގާފަތާއި ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒު
- ޤައުމީ ދާރުލްއާސާރު
- ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު
ދިވެހި ތަރިކަ އާއި ސަގާފަތް ކުރިއެރުވުމުގެ ގޮތުން ޤައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ހުޅުވުމަށް ވެސް ވަނީ ނިންމާފައެވެ. ޤައުމީ ދާރުލްއާސާރަކީ، ގިނަ ޢަދެއްގެ ކިޔަވާކުދިން ވެސް ބޭނުންކުރަމުންދާ ތަނަކަށްވީއިރު، މި ބަދަލުތަކުގެ ސަބަބުން ދަރިވަރުން ހިމެނޭހެން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.