ޚަބަރު
ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހިޔާ ފްލެޓެއްގައި އަލިފާން ރޯވުން. ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު އަށެއްގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
އެންޑީއެމްއޭއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ކޮޓަރީގައި ހުރި ގޮދަނޑި އާއި އެހެނިހެން ތަކެތި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގެ ބޮޑު ބަޔަކަށް ވަނީ ދުމުގެ އަސަރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ، އެ އެޕާޓްމަންޓުގައި ދިރިއުޅެމުންދާ ހަތަރު މީހުންގެ އާއިލާއަށް މިވަގުތަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށެވެ.