ރިޕޯޓް

ޢަބްދުﷲ ޞާދިޤު؛ އަދަބީ ޚިދުމަތްތެރީންގެ ޤުލްދަސްތާ ތެރެއިން

ޢަބްދުﷲ ޞާދިޤު؛ އަދަބީ ޚިދުމަތްތެރީންގެ ޤުލްދަސްތާ ތެރެއިން

ޢަބްދުﷲ ޞާދިޤު/ފޮޓޯ : އާރކައިވް އެމްވީ

15 ޖެނުއަރީ 2025، 07:24

ކޮންމެ ޢީދުވިލޭރެއެއްގައި، މާމެލާމެލާމެލީގެ ބަގިޗާތަކާއި، ހިތްގައިމު ފެންއަރުވާ ވަޑާންތަކާއި، ހަވާއަރުވަމުން ދާއިރު ދިއްލާލާ ރީތި ކުލަތަކުގެ މަންޒަރާއެކު، ވަރުވަރުގެ ޓީވީ ސްކްރީންތަކުން ފެނިގެންދާނެ ހިތްގައިމު ޅެން، ދިވެއްސަކަށް ނޯޅޭނެކަން ގައިމެވެ. ތެދުތެދަށް ބުނާނަމަ، ޢީދު އައިއްސިކަން އިޙުސާސް ކުރެވޭނީ، "ޢީދު އައީ، ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން، ރީތިވިހާ ލަވަކިޔަމުން، މާމަލުގައި ނަލަ ކުލަޖައްސަމުން"، މި ޅެންބައިތު އިވެންފެށުމުންނެވެ. މި ޅެންބައިތު ލިޔުއްވާފައި ވަނީ، މި އަހަރުގެ ޅެންވެރިކަމުގެ ދުވަސް، އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ، ސޯދުބެ، ނުވަތަ އަބްދުﷲ ޞާދިޤެވެ. 

ދިވެހި އެތައް ދަރިވަރެއްގެ، ދިވެހި މުދައްރިސްގެ އިތުރުން ސޯދުބެއަކީ، ދިވެހިބަހަށް ޚިދުމަތްކޮށްދިނުމުގެ ރޮނގުން އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ބެފުޅެކެވެ. 1980 ވަނަ އަހަރާއި، 1983 ވަނަ އަހަރު، އާންމު ޚިދުމަތުގެ ހިއްވަރުދިނުމުގެ އިނާމު ސޯދުބެ ޙާސިލްކުރަށްވާފައި ވާއިރު، 1992 ވަނަ އަހަރު ސޯދުބެ ވަނީ ޅެންވެރިކަމުގެ ރޮނގުން ހިއްވަރުދިނުމުގެ އިނާމު ޙާޞިލްކުރަށްވާފައެވެ. 1998 ވަނަ އަހަރު ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި، މިނިވަން ފަންސާހުގައި އާންމު ޚިދުމަތުގެ އިނާމު ވެސް ސޯދުބެ ޚާސިލްކުރައްވާފައިވެއެވެ. މި ކާމިޔާބީތަކުގެ އިތުރުން ސޯދުބެ ވަނީ 2019 ވަނަ އަހަރު، ނިޝާން އިއްޒުއްދިން ޢިއްޒަތުގެ ވެރިޔާގެ، ޝަރަފުވެރި މަޤާމު ޚާސިލްކުރެއްވުމުގެ އިތުރުން، ހަމައެއަހަރު، ސޯދުބެއަށް ވަނީ، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން އަރުވާފައެވެ.

ޢަބްދުﷲ ޞާދިޤު ދިވެހިބަހަށް ކޮއްދެއްވި އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި، ދިވެހިބަހުގެ ޤަވާއިދު ފޮތްތައް ޝާއިޢުކުރައްވާ، ތަފާތު ދާއިރާތަކުގެ ވާހަކައާއި، މަޒުމޫނު ލިޔުއްވާ، ތަފާތު މަޒާޖީ ބަސްތަކާއި، ހަރުބަސްފޮތަތްތައް ލިޔުވާފައިވެއެވެ. ހަމައެހެންމެ، ޅެން ޝަރަޙަކުރުމާ ގުޅުންހުރި ފޮތްތައް ލިޔުއްވާ، ދިވެހިބަހުގެ ތަފާތު ރޮނގުރޮނގުން ދިވެހި އެތައް ދަރިވަރުންނެއް ތަމްރީނު ކުރެއްވުމުގައި އެތައް އަހަރުތަކެއް ހޭދަކުރަށްވާފައިވެއެވެ. މިގޮތުން، ސޯދުބެ ވަނީ، މަދްރަސަތުލް މަޖީދިއްޔާއާއި، މަދްރަސަތުލް އަމީނިއްޔާގެ ދިވެހި ޓީޗަރުކަން ކުރައްވައިފައެވެ. އަދި ލަންކާގައި ތިބި ދިވެހި ދަރިވަރުންނަށް ދިވެހި ކިޔަވައިދެއްވާ، ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހުގެ ސެކްރެޓަރީކަމުގެ އިތުރުން މެމްބަރުކަން ވެސް ކުރައްވާފައި ވެއެވެ. 

ޢަބްދުﷲ ޞާދިޤު، ތަޢުލީމު ޙާސިލްކުރައްވާފައި ވަނީ މަޖީދިއްޔާ ސްކޫލުގައެވެ. މަޖީދިއްޔާ ސްކޫލުގެ ކުލާސް ފަހަކާ ހަމަޔަށް ތަޢުލީމު ޙާސިލްކުރައްވާފައިވެއެވެ. މަދަރުސީ ދައުރުގެ ތެރެއިން ޅެންވެރިކަމަށް ޝައުޤު އުފެދިގެން ގޮސްފައި ވަނީ، އެދުވަސްވަރު ޅެންވެރިކަމުގެ ބާނީންގެ ގޮތުގައި ފާހަގަކޮއްލެވުނު މުޙައްމަދު ޖަމީލު ދީދީއާއި، އިބްރާހިމް ޝިހާބު ފަދަ ބޭބެފުޅުންގެ މަސައްކަތް ފިނިވަޑައިގަނެފައެވެ.

2025 ވަނަ އަހަރު ފާހަގަކުރެވެމުން މިދާ ޅެންވެރީންގެ ދުވަސް ނިޞްބަތްކުރެވިފައި ވަނީ، އެފަރާތެއް ދިވެހިބަހަށް ކޮއްދެވި ޚިދުމަތްތަކުގެ ކޮޅު ފެންނާންނެތް، ޢަބްދުﷲ ޞާދިޤަށެވެ. މި ޚާއްޞަ ދުވަހުގެ ޝިޢާރެއްގޮތުގައި ދިވެހިބަހުގެ މިނިސްޓްރީއިން ކަނޑައަޅުއްވާފައި ވަނީ، ސޯދުބޭގެ ޅެންބައިތު "އަހަންނަކީ ދިވެއްސަކީން، ދިވެހި އުޅުމުގެ ވެއްސަކީން" މި ޝިޢާރެވެ. 

ނޫސްވެރިކަމުގެ ރޮނގުން ވެސް އަބްދުﷲ ޞާދިޤު ވަނީ ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮއްދެއްވާފައެވެ. މިގޮތުން1979  ގައި ހަވީރު ނޫސް ވުޖޫދުވިއިރު، އެ ނޫހުގެ ފުރަތަމަ އެޑިޓަރުގެ މަޤާމު އަދާކުރެއްވީ ސޯދުބެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ މީޑިއާ އަދި ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ ކޮންޓެންޓް، ދިވެހި ބަހުގެ ޤަވާއިދާ އެއްގޮތް ކުރެއްވުމުގެ އިތުރުން، އަޑުގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހެޅުއްވިއެވެ. 

ސަރުކާރަށް 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ދިވެހިބަހަށް ގިނަ ޚިދުމަތްތައް ކުރެއްވި ސޯދުބެ މިހާރު މިފަދަ ހަރަކާތްތަކުގައި އިސްކޮށް ނޫޅުއްވަނީ ޞިއްޙީ ޙާލުކޮޅު ތަންނުދިނުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހިތުގައި ޅެންވެރިކަމާއި ދިވެހިބަހަށް އޮތް ލޯބި އެއްގޮތަކަށް ވެސް ފަނޑުވެގެން ނުދާކަމަށް ސޯދުބެ ވިދާޅުވެއެވެ. 

ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30ގައި ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ހުޅުމާލެ)ގައެވެ. މި ޖަލްސާގައި ރާއްޖޭގެ ގިނަ ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ޖަނަވަރީ 30ގައި، ޅެންވެރީންގެ ގުންޒަރުގެ ނަމުގައި ބާއްވާ ހަފުލާއެއް، ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ގިނަ ޅެންވެރީންގެ ހުނަރުތައް އެއް ތަނަކުން ފެންނާނެ ޙަރަކާތްތަކެއް ހިމެނޭ ގޮތަށް ބާއްވާ ޙަފުލާއެއްކަމާއި، މި ޙަފުލާގައި ވެސް ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންގެ އިތުރުން އިސްކޫލު ދަރިވަރުންނާއި މުދައްރިސުން ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 

މި ލިޔުން ކިޔާލުމުން