ދުނިޔެ
ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފި
އިޒްރޭލުގެ ކެބިނެޓް ބައްދަލުވުން، ފޮޓޯ: އިންޓަނެޓް
ހުލާސާ
ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ 24 މިނިސްޓަރަކު މި އެއްބަސްވުމާއިގެން ކުރިޔަށް ދިއުމަށް ރުހުންދިންއިރު، 8 މިނިސްޓަރަކު ވަނީ މިކަމާ ދެކޮޅުހަދާފައި.
ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުން ފާސްކުރުމަށް، އިޒްރޭލުގެ ކެބިނެޓުން ނިންމައިފިއެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މިކަން ކެބިނެޓުން ނިންމަން ކުރިން އެއްބަސްވެފައިވީނަމަވެސް، މިއަދާ ހަމައަށް އިޒްރޭލުގެ ކެބިނެޓުން މި ބަހުސް ލަސްކުރީ، ހަމާސްއިން އެއްބަސްވުމުގެ ބައެއް ކަންތައްތަކަށް އިޙްތިރާމް ނުކުރާކަމަށް ބުނެއެވެ.
އިޒްރޭލުގެ ކެބިނެޓުން މި އެއްބަސްވުން ފާސްކުރިއިރު، ޣައްޒާގައި ހިންގަމުންދާ ޤަތުލްއާންމުތަކުގައި މިހާރު ވަނީ 460 އަށް ވުރެން ގިނަ ދުވަސް ހޭދަވެފައެވެ. އަދި މި ހަނގުރާމާއިގައި 46،788 ފަލަސްޠީނުގެ މީހުން ޝަހީދުކޮށްލާފައިވާއިރު، 110،453 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ނަތަންޔާހޫގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކެބިނެޓުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފާސްކުރީ ހަ ގަޑިއިރަށް ދެމިގެންދިޔަ ބަހުސަކަށްފަހު، މިއަދުއެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުން، އާދީއްތަ ދުވަހުން ފެށިގެން އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެއެވެ. އެގޮތުން އެ ދުވަހު އިޒްރޭލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ ގިނަ ބަޔަކު މިނިވަންކުރުމަށްވަނީ ހަމަޖެހިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ 24 މިނިސްޓަރަކު މި އެއްބަސްވުމާއިގެން ކުރިޔަށް ދިއުމަށް ރުހުންދިންއިރު، 8 މިނިސްޓަރަކު ވަނީ މިކަމާ ދެކޮޅުހަދާފައެވެ. ނަމަވެސް އިޒްރޭލުގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ހުކުރު ދުވަހު މި އެއްބަސްވުމަށް ރުހުންދީފައެވެ.
މި އެއްބަސްވުން އެކަށައެޅުމުގައި އެމެރިކާ ތަމްސީލުކުރާ ބްރެޓް މެކްގަރކް ބުނެފައިވާ ގޮތުން، ހަމާސްއިން އަސީރުންގެ ގޮތުގައި ރަހީނުކޮށްފައިވާ އިޒްރޭލު ސިފައިންގެ ތިން އަންހެނަކު ރެޑް ކްރޮސް މެދުވެރިކޮށް އާދީއްތަ ދުވަހުގެ ހެނދުނު އިޒްރޭލާ ހަވާލުކުރަން ޖެހޭނެއެވެ.
އަދި ބަދަލުގައި އިޒްރޭލުން މިނިވަންކުރާ ފަލަސްތީނުގެ 95 މީހުންގެ ވަނަވަރު އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީއިން ވަނީ ހުކުރު ދުވަހު ހާމަކޮށްފައެވެ. އެމީހުން ފަލަސްޠީނާ ހަވާލުކުރަން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު، ހަމަ ރެޑް ކްރޮސް މެދުވެރިކޮށެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ހަ ހަފްތާއަށް ދެމިގެންދާއިރު، މި މުއްދަތުގައި ދެ ފަރާތުން ބަންދުކޮށްފައި ތިބި މީހުން ކޮންމެވެސް މިންވަރަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އަދި މި މުއްދަތުގައި ޣައްޒާގައި ތިބި އިޒްރޭލުގެ ބައެއް ހަނގުރާމަވެރިން ފަލަސްތީނުން ފައިބާނެކަމަށް ވެސް ވެއެވެ. މީގެ އިތުރުން، ކާބޯތަކެއްޗާއި އަސާސީ ކަންތައްތަކަށް އިންތިހާއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމުގެ ޙުއްދަ ވެސް، މި މަރުހަލާގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.