Ads by Exprox

ޚަބަރު

ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުންފުޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުންފުޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ރ. ވާދޫ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކެވުން/ފޮޓޯ:ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ޖެނުއަރީ 2025، 03:16

21 ޖެނުއަރީ 2025، 03:16

ހުލާސާ

ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ ނަމޫނާ ރަށަކަށް ހައްދަވަން ބޭނުންފުޅުވާކަމަށް ރައީސް ވަނީ ވިދާޅުވެފައި

ރ. ވާދޫ އަކީ  ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަށް އެ މަނިކުފާނު ނުހަނު ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރ. ވާދޫގެ ރައްޔިތުންނަކީ އެރަށް ތަރައްޤީކުރުމަށް ނުހަނު ބޭނުންފުޅުވާ، އަދި އެގޮތަށް ވިސްނުންގެންގުޅުއްވާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެއްކަމަށެވެ. އަދި، ކޮންމެ މަސައްކަތެއްގައިވެސް އަމިއްލައަށް އިސްނަގައިގެން، ގިނަ ކަންތައްތަކެއް އެރަށުގެ ރައްޔިތުން ކުރަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ވަރަށް ޚާއްޞަ ކަންތައްތަކެއް މިއަހަރުތެރޭގައި ނިންމުމަށްވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ވާދޫގެ  ރައްޔިތުން ބޭނުންފުޅުވާނަމަ، އެ ރަށުގެ ހުރިހާ ތަނަކީވެސް އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބަ އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ މި ރޮނގުން ނަމޫނާ ރަށަކަށް ހައްދަވަން ބޭނުންފުޅުވާކަމަށެވެ. އަދި، މުޅި ރަށް އެއްކޮށް، އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ރ. ވާދޫގައި ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން، ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި، އެރަށުގެ ގިރާ ސަރަޙައްދުގެ މައްސަލަ ޙައްލު ކުރުމަށް ބޮޑުހިލަޖެއްސުމުގެ މަޝްރޫޢު ކުރިއަށް ދާއިރު، ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރަށުގެ ކައުންސިލާއި ގުޅިގެން، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމަށެވެ. 

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިއެވެ. އޭގެތެރޭގައި އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco