ޚަބަރު
ރ. ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ގިނަ މަސައްކަތްތައް މިއަަހަރުތެރޭގައި ނިންމަވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ރ. ރަސްގެތީމު ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކެވުން/ފޮޓޯ:ރައީސް އޮފީސް
ހުލާސާ
ރިޔާސީ ކެމްޕެއިންގައި މި ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ހުރިހާ މަސައްކަތެއްވެސް ވީ އެންމެ އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި.
ރ. ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ގިނަ މަސައްކަތްތައް މި އަހަރު ތެރޭގައި ކޮށްދެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން، ރަސްގެތީމު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި މި ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ހުރިހާ މަސައްކަތެއްވެސް ވީ އެންމެ އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތައް ފަށައި، ބައެއް މަސައްކަތްތައް މިއަހަރުގެ ތެރޭގައި ނިންމެވޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވަވާފައެވެ. ރައީސް ވިދާޅުވީ، ރަސްގެތީމު ސްކޫލުގެ ކްލާސްރޫމުތަކާއި، ސްކޫލް ހޯލުގެ މަސައްކަތް މިއަހަރުތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ. ހަމަ އެއާއެކު، އެރަށު ބަނދަރުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފަށައިގެން، ހަލުވިކަމާއިއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކުނި ނައްތާލުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގައި ހުރި ކަންކަމުގެ އިތުރުން، ކުޅިވަރުގެ ބިނާރާއި ވަޞީލަތްތަކާ ގުޅުންހުރި މަސައްކަތްތައްވެސް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި، ރަށުގެ ކައުންސިލާއި، އ.ތ.މ ކޮމެޓީ، އަދި ރަށުގެ މުޢައްސަސާތަކުގެ ވެރިންގެ މެދުގައި، ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ކަމާގުޅުންހުރި މިނިސްޓްރީތަކާއި، ކުންފުނިތަކާއި، ރަށުގެ ކައުންސިލާއި ގުޅިގެން ކަންކަން ތަރުތީބުވެގެންދާނެކަމަށްށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިއަހަރު ނިމޭއިރު ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި މަސައްކަތްތައް ނިންމުމަށްފަހު، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް އެމަނިކުފާނު ރަސްގެތީމަށް އެނބުރި ވަޑައިގަންނަވާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.