Ads by Exprox

ޚަބަރު

މިއަހަރު ރާއްޖޭގެ ހުރިހާ ހިސާބެއްވެސް ސިއްޙީގޮތުން ތަރައްޤީވެގެން ދާނެ: ސިއްޙީ ވަޒީރު

މިއަހަރު ރާއްޖޭގެ ހުރިހާ ހިސާބެއްވެސް ސިއްޙީގޮތުން ތަރައްޤީވެގެން ދާނެ: ސިއްޙީ ވަޒީރު

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް| ފޮޓޯ: މިހާރު ނިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ޖެނުއަރީ 2025، 11:09

22 ޖެނުއަރީ 2025، 11:09

ހުލާސާ

ގިނަ ޚިދުމަތްތަކެއް ފެށުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނުއްވާފައި
ސިއްޙީ ދާއިރާގެ މަސައްކަތްތަކަކީ ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތްކަން ފާހަގަކުރެއްވި

މިއަހަރުގެ ތެރޭގައި ރައްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިއްޙީ ގިނަ ޚިދުމަތްތަކެއް ތަރައްޤީވެ، ސިއްޙީ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މާލެއާއި އަތޮޅުތަކުގައި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުން، އަތޮޅުތަކުގައާއި، މަލެ ސަރަޙައްދުގައި އައު ގިނަ ޚިދުމަތްތަކެއް ފެށުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި، ތެލަސީމިއާ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލެއް ހިމެނޭހެން އިތުރު 5 ހޮސްޕިޓަލް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ކުރިއަރަމުން އަންނަ ކުދިންގެ ސިއްޙަތަށް ވިސްނައި، ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު ޢުމުރަކީ 21 އަހަރުކަމުގައިވެސްވަނީ ކަނޑައަޅުއްވާފައެވެ. އަދި، ރާއްޖެއަށް އިމްޕޯރޓް ކުރާ ދުންފަތުން ނަގާ ޓެކްސްގެ އަގު ބޮޑުކޮށް، ރާއްޖޭއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ވަޒީރު ވިދާޅުވީ، ސިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ މުހިންމު ވަޢުދުފުޅެއްކަމަށެވެ. އަދި، މިކަމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ފެންވަރު ރަނގަޅު ސިއްޙީ ވަޞީލަތްތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި، ރާއްޖެއަށް  ކޮލިޓީ ރަނގަޅު ބޭސް އެތެރެކުރުމަކީ މި ސަރުކާރުން ސިއްޙީ ދާއިރާއަށް ގެންނާނެ އެންމެ ބޮޑު އެއް ބަދަލުކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ސިއްޙީ ޚިދުމަތްތައް ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް ވެސް ހެޔޮ އަގުގައި ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވެރިކަމުގައި ސިއްޙާ ދާއިރާ އައު އުސްމިންތަކަކަށް ގެންދަވާނެ ކަމަށެވެ. ސިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް، ރައީސް ވަނީ މިހާރު ވެސް މުހިންމެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، މިހާރު ސަރުކާރުން ވަނީ ބޭހުގެ އަގުތައް ކޮންޓްރޯލްކުރަން ނިންމަވައިވަފައެވެ. ހަމަ އެހެންމެ، އާސަންދަ ޚިދުމަތުގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ޚިދުމަތް ދެވޭކަން ޔަޤީންކޮށް، އާސަންދަ ސްކީމްގެ ދަށުން ތައިލެންޑާއި، ޔޫއޭއިން ބޭސްފަރުވާ ހޯދުމުގެ ޚިދުމަތް ވަނީ ފަހިވެފައެވެ. މީގެ އިތުރުން، ސިއްޙީ ކުއްލި ޙާލަތްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލި މީހުން އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތްވަނީ ފައްޓަވައިދެއްވައިފައެވެ. ހަމައެއާއެކު، މި ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް އާސަންދައިގެ ދަށުން އައި.ވީ.އެފް ހެދުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ.

ވަޒީރު ވިދާޅުވީ، ސިއްޙީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވާ ހެޔޮ ބަދަލުތަކުން ރައްޔިތުންނަށް މުހިންމު ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco