ދުނިޔެ / ޚަބަރު
ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ވެރިޔާ އިސްތިޢުފާ ދެނީ!
ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ވެރިޔާ ހަރޒީ ހަލޭވީ| ފޮޓޯ: ދި އޮސްޓްރޭލިއަން
ހުލާސާ
އަންނަ މާރިޗް މަހުގެ 6 ވަނަ ދުވަހު އިސްތިޢުފާ ދިނުމަށް ވަނީ ނިންމާފައި
ފަލަސްޠީނުގެ ޙަމާސް ޖަމިއްޔާއާއި ދެކޮޅަށް ކުރި ހަނގުރާމާގައި، އިސްރާއީލްގެ ސަރަޙައްދުތަކަށް ވަދެފައިވަނީ ސަލާމަތީ ބާރުތަކުގެ އިހުމާލުންކަމަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ވެރިޔާ ބުނެފިއެވެ.
ހަރޒީ ހަލޭވީ ވަނީ އެކަމުގެ ޒިންމާ ނަގައި، މި އަންނަ މާރިޗް މަހުގެ 6 ވަނަ ދުވަހު އިސްތިޢުފާ ދިނުމަށްފަހު މަޤާމުން ފައިބަން ނިންމާފައެވެ. އޭނާ ބުނި ގޮތުގައި، ޙަމާސްއިން ދިން ޙަމަލާ ހިނގާފައިވާ ގޮތުގެ ތަހުގީގުތައް ނިމުމުން، ކުރިއަށް އޮތް ތާނގައި މިފަދަ ޙަމަލާތަކަށް ޔަހޫދީ އިސްރާއީލުގެ ފައުޖުގެ ތައްޔާރީ ޙާލަތު މިހާރަށް ވުރެ ވަރުގަދަ ކުރާނެ އެވެ. އަދި، އޭގެ ފަހުގައި އޭނާ އިސްތިޢުފާ ދޭނެކަމަށް ވަނީ ބުނެފައެވެ. ހަރޒީ ހަލޭވީ އިސްތިޢުފާ ދޭނެ ކަން ހާމަކޮށްފައި މި ވަނީ، ޔަހޫދީ ދައުލަތުގެ ކަނޑު އަދި ވައިގެ ސިފައިންގެ ވެރިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިސްތިޢުފާ ދޭނެކަމުގެ އަޑުތައް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
ހަރޒީ ހަލޭވީ ވަނީ އިސްތިޢުފާ ދިނުމަށް ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒްއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު އޭނާގެ ކޮމާންޑުގެ ދަށުން އައިޑީއެފްއިން އިސްރާއީލުގެ ރައްޔިތުން ހިމާޔަތް ކުރުމުގެ މިޝަންގައި ނާކާމިޔާބުވި ކަމަށް ބުނެފައި ވެއެވެ. ހަރޒީ ހަލޭވީ ފޮނުވި އިސްތިޢުފާ ވަނީ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒްގެ އިތުރުން، ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ޤަބޫލުކޮށްފައެވެ.
ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ޔަހޫދީ އިސްރާއީލުން ފެށި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ. އެއީ، އަސީރުންނާއި ބަންދުކޮށްފައި ތިބި ޤައިދީން މިނިވަން ކުރުމުގެ ފިޔަވައްސެވެ.
ޔަހޫދީ އިސްރާއީލުން ވަނީ މުޅި ޣައްޒާ ސުންނާފަތިކޮށް، ބައިލައްކައެއްހާ ފަލަސްޠީނުގެ މަޢުސޫމް ރައްޔިތުން ޝަހީދުކޮށްލައިފައެވެ.