ޚަބަރު
އަލިފާނުގެ ޙާދިސާގައި ގެއްލުންވި 22 މީހަކަށް ވަޤުތީ އެހީތެރިކަން ފޯރުކޮށްދެނީ
އަލިފާނުގެ ހާދިސާ ހިނގި ފިހާރަ، ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
މި ޙާދިސާގައި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ވަނީ ފާހަގަ ކުރެވިފައި
ރޭ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި 22 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 04:30 ހާއިރުއެވެ. އަދި، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް، ނިއްވާލެވިފައިވަނީ ހެނދުނު 06:00 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އަލިފާނުގެ ޙާދިސާގައި އެ ސަރަޙައްދަށް ފެތުރިފައިވާ ދުމުގެ ސަބަބުންނާއި އިމާރާތްތަަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. އޭގެ ތެރޭގައި 14 ދިވެހިންނާއި 19 ބިދޭސީން ހިމެނެއެވެ. އެންޑީއެމްއޭ އިން ވިދާޅުވީ، މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސަމުންދާކަމަށެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ، މީގެތެރެއިން ބިދޭސީ 1 ޢާއިލާ، އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާކަމަށެވެ. އަދި، 11 ބިދޭސީއަކަށް އެ މީހުން މަސައްކަތްކުރާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި، އެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ސަރަޙައްދުގެ ބައެއް އިމާރާތްތަކަށް ވަނީ ފެންޖަހާ، އިމާރާތްތަކުން މީހުން ހުސްކޮށްފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ޢާންމު ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި އަލިފަން ރޯވީ މއ.ސްޕްރިންގް ރިވާ ގޭ 1ވަނަ ފަންގިފިލާގަ ހުންނަ، ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައެވެ.