ޚަބަރު
ކުޑަކުދިންގެ ފޮޓޯ އާއި ވީޑީއޯ ދައުރު ނުކުރުމަށް އިޖުތިމާޢީ ވުޒާރާއިން އިލްތިމާސްކުރަށްވައިފި
ކުޑަކުދިންތަކެއް ރަށެއްގެ އަށްޓެއް މަތީގައި އިށީންދެލައިގެން/ފޮޓޯ: މިހާރު
ހުލާސާ
ފޮޓޯ އާއި ވީޑީއޯ ދައުރުކުރުމުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމަށް އެ ވުޒާރާއިން ވިދާޅުވި
ކުޑަކުދިންގެ ފޮޓޯ އާއި ވީޑީއޯ މީޑިއާތަކުގައި ދައުރު ނުކުރުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުދިންގެ ފޮޓޯ އަދި ވީޑިއޯ ދައުރުކުރުމުގެ ސަބަބުން އެކުދިންނަކީ ކޮންބައެއްކަން ޢާންމުންނަށް އެނގިގެންދާ ކަމަށެވެ. އަދި، އެކަން އެގޮތަށް ކުރުމުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބުނާގޮތުން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާންމުކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ހަމަ އެހެންމެ، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، ކުށުގެ ތުޙުމަތުގައިވާ ކުދިންނާއި އަދި، އެނޫންވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުންދިންގެ ނަމާއި އެޑްރެހާއި ތަޢުލީމު ހާސިލްކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ އެއްވެސް މަޢޫލޫމާތެއް ހާމަކޮށްގެން ނުވާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެ ވުޒާރާއިން ވިދާޅުވީ، އެފަދަ ކުއްޖެއްގެ ތަސްވީރު، ވީޑިއޯ ނުވަތަ ސިދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ މަޢުލޫމާތުތައް މީޑިއާގައި ނުވަތަ އެނޫންވެސް އެއްވެސް ވަޞީލަތެއްގައި ޝާއިޢުކޮށް ދައުރުކުރަމުން ދިއުމަކީ އެ ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އެކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންގެ ޒިންމާއެކެވެ. އަދި، މިކަމުގައި މުޖުތަމަޢުއާއި ދަޢުލަތާއި އަދި އެހެނިހެން ފަރާތްތަކުން ވެސް ޒިންމާނަގަންޖެހޭނެ ކަމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
ކުޑަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި، ކަމާ ގުޅުންހުރި އިދާރާތަކާއި މުވައްސަސާތަކަށް ހުށައަޅައިގެން މައްސަލަތައް ކުރިއަށްގެންދިއުމަށް ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތަކުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.