Ads by Exprox

ޚަބަރު

ޖެނުއަރީ މަސް ނިމެންދެން ޕްލެނެޓްތައް އެއް ސަފަކަށް އެތުރޭ މަންޒަރު ފެންނާނެ: ރައީސް މައުމޫން

ޖެނުއަރީ މަސް ނިމެންދެން ޕްލެނެޓްތައް އެއް ސަފަކަށް އެތުރޭ މަންޒަރު ފެންނާނެ: ރައީސް މައުމޫން

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ޓީވީއެމްގެ "ހޭޔަންބޯ" ދެއްވި ޚާއްޞަ އިންޓަރވިއު/ފޮޓޯ: ޕީއެސްއެމް ނިއުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޖެނުއަރީ 2025، 01:28

25 ޖެނުއަރީ 2025، 01:28

ހުލާސާ

ތަރިތަކާއި ގުރަހަތައް ވަކިކުރަން އެހާ ފަސޭހަ ނުވެދާނެކަން ފާހަގަކުރެއްވި

މި ހިނގާ ޖެނުއަރީ މަސް ނިމެންދެން ޕްލެނެޓްތައް އެއް ސަފަކަށް އެތުރިފައި ހުންނަ މަންޒަރު ފެންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން ވިދާޅުވީ، މި ދުވަސްވަރަކީ ޕްލެނެޓްތައް އެއް ސަފަކަށް އެތުރޭ ދުވަސްވަރެއް ކަމަށެވެ. 

ޓީވީއެމް އިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމުގައި ޕްލެނެޓްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ދުނިޔެ ދަތުރުކުރަމުންދާ އިރަވީނިޒާމުގައި އިރުގެ ވަށައިގެން އިތުރު ޕްލެނެޓްތައް ދަތުރު ކުރަމުންދާ ކަމަށެވެ. އެގޮތުން، ޖުމްލަ 8 ޕްލެނެޓެއް ނުވަތަ ގުރަހައެއް އރުގެ ވަށައިގެން ދަތުރު ކުރަމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި، މި ގުރަހަތައް ދަތުރުކުރަމުން ދާނީ އެކި ބާރުމިނުގައި، އެކި ދުރުމިނުގައި ކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ، މި ހުރިހާ ގުރަހަތަކެއް އެއް ސަފަކަށް އެތުރޭނީ މަދު ފަހަރަކު ކަމަށެވެ. އަދި، މި މަންޒަރަކީ ކޮންމެ 100 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއްކަމަށް ވަނީ މަޢުލޫމާތުދެއްވާފައެވެ. ހަމަ އެހެންމެ، މި ދުވަސްވަރު މި މަންޒަރު ބަލާލުމުގެ ފުރުސަތު ހަމަލޮލުން ލިބިގެންދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއެވެ.

ރައީސް މައުމޫން ވިދާޅުވީ، އިރު އޮއްސުމަށް ފަހު ދެގަނޑިއެއްހާއިރު ފަހުން ނިކުމެވަޑައިގެން ބެއްލެވުމުން އެ މަންޒަރު ފެންނާނެ ކަމަށެވެ. އެގޮތުން، އެންމެ ހުޅަނގު ފަރާތުން ފެންނާނީ މާކިއުރީ އެވެ. އެއީ، އިރާއި އެންމެ ކައިރިން ފެންނަ ގުރަހަ އެވެ. ރައީސް މައުމޫން ވިދާޅުވީ، ގުރަހަތަކުގެ އަލިކަން އެކަތި އަނެކައްޗާއި ތަފާތުވުމުގެ ސަބަބުން އެހާ ފަސޭހައިން އަލިކަން ނުފެންނާނެ ކަމަށެވެ.

ރައީސް މައުމޫން ވަނީ މިމަންޒަރު ހަމަލޮލަށް ފެންނައިރު، ތަރިތަކާއި ގުރަހަތައް ވަކިކުރަން އެހާ ފަސޭހަ ނުވެދާނެކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ، ބައެއް ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ގުރަހަތައް ނުވަތަ ޕްލެނެޓުތައް އުޑުގައި ވިދަމުންދާތަން ނުފެންނާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco