ދުނިޔެ / ޚަބަރު
ހަތަރު އަސީރުންގެ ބަދަލުގައި ފަލަސްޠީނަށް ނިސްބަތްވާ 200 ޤައިދީން މިނިވަންކޮށްފި
4 އަސީރުންގެ ބަދަލުގައި ފަލަސްޠީނުގެ 200 ޤައިދީން މިނިވަންކުރި ވަގުތު/ފޮޓޯ: އަލް ޖަޒީރާ
ހުލާސާ
މިނިވަންކުރި ޤައިދީންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ 69 އަހަރު
އެންމެ ހަގީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް
އިސްރާޢީލުގެ ޔަހޫދީ ދައުލަތާއި، ޣައްޒާގައި ވެރިކަންކުރާ ޙަމާސާއި ދެމެދު ވަނީ ޢުދުވާންތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން، އިއްޔެ ޙަމާސުން ވަނީ 4 އަސީރެއް މިނިވަންކޮށްފައެވެ. އަދި، މި އަސީރުންގެ ބަދަލުގައި ޔަހޫދީ ޖަލުތަކުގައި ތިބި 200 ފަލަސްޠީނުން ވަނީ މިނިވަންކޮށްފައެވެ.
ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އެއްބަސްވުން ތަންފީޒުކޮށްފައި ވަނީ މި މަހުގެ
19 ވަނަ ދުވަހުއެވެ. ކޮންމެ މަރުޙަލާއެއް ވެސް 42 ދުވަހުގެ މުއްދަތަކަށް ދެމިގެން ދާނެއެވެ. އެގޮތުން، ފުރަތަމަ މަރުޙަލާގައި ޖުމްލަ 33 އަސީރުން ޙަމާސުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މަރުޙަލާގައި ދޫކުރާނީ އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން، 50 އަހަރުން މަތީގެ މީހުންނެވެ. މީގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 2000 އަށް ވުރެ ގިނަ ފަލަސްޠީނުގެ ޤައިދީން މިނިވަން ކުރުމަށް ވަނީ ނިންމާފައެވެ. އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފުރަތަމަ ދުވަހު ވަނީ ޔަހޫދީންގެ 3 އަސީރުންގެ ބަދަލުގައި ފަލަސްޠީނުގެ 90 ޤައިދީން މިނިވަންކޮށްފައެވެ. މިގޮތަށް، އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ހަފްތާއަކު އެއް ފަހަރުއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަންފެށިތާ ހަފްތާއެއް ފަހުން، އިއްޔެ މިވަނީ ދެވަނަ ބުރަށް އަސީރުން ބަދަލުކޮށްފައެވެ. އެގޮތުން، ޙަމާސުން ވަނި އިސްރާއީލީ އަސްކަރިއްޔާގެ ހަތަރު އަންހެން ސިފައިން ރެޑްކްރޮސްއާއި ޙަވާލު ކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން، ޔަހޫދީންގެ ޖަލުގައި ތިބި ފަލަސްޠީނަށް ނިސްބަތްވާ ޤައިދީން މިނިވަންކޮށްގެން ބަސްތަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ. އިއްޔެ ޔަހޫދިން މިނިވަންކުރި ޤައިދީންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ، 69 އަހަރެވެ. އަދި، އެންމެ ހަގީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެކެވެ.
ޔަހޫދީންގެ 4 އަސީރުންގެ ބަދަލުގައި ފަލަސްޠީނުގެ 200 ޤައިދީން މިނިވަންކުރި ވަގުތު އެ ސަރަޙައްދަށް ގިނަ ޢާންމުންގެ ބަޔަކު އެއްވެ ތިއްބެވެ. ޔަހޫދިންގެ އަނިޔާވެރިކަމުން ސަލާމަތްވި ޤައިދީންނަށް ފަލަސްޠީނުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.