ޚަބަރު
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި
ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިޚުލާޞްތެރިކަމާއެކު ފާހަގަކުރާ ކަމަށް ވިދާޅުވި
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައްޔިތުނަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފިއެވެ. ވަޒީރު ވަނީ، އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ކަމަށެވެ. ހަމަ އެހެންމެ، އޮސްޓްރޭލިއާ އަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި މެރިޓައިމް ސެކިއުރިޓީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ދާއިރާތަކުން ދިވެހިރާއްޖެއަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއް ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، އެ ޤައުމުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ރާއްޖެއިން އަބަދުވެސް އިޚުލާޞްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެޤައުމުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި، އެއްބާރުލުން ދިނުމާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އޮސްޓްރޭލިއާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނި ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ ނައިބު އަލްއުސްޠާޛް ޙުސައިން މުޙައްމަދު ލަތީފް ވެސް ވަނީ އޮސްޓްރޭލިއާ އަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.