ޚަބަރު
ސަރުކާރުން އިސްކަންދެނީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކުރުމަށް: ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ކުރިއަށް އޮތްތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް
ސަރުކާރުގެ ފަރާތުން އަބަދުވެސް އިސްކަންދެނީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކުރުމަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވީ، ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓްކުރާ ބިލެއް ތަޢާރަފްކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، އެފަދަ ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައިނުވާ ކަމަށާއި، ކުރިއަށް އޮތް ތާނގައި ވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑީއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުންކަމަށެވެ. ހަމަ އެހެންމެ، ސަރުކާރުން ކުރިންވެސް ހާމަކުރައްވާފައިވާގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމުގެ އިތުރުން، ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތުކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައެއް ނޫންކަމަށެވެ.