ޚަބަރު
3 ކައުންސިލަކަށް ރަސްމީކޮށް ފަޅުރަށް ހަވާލުކޮށްފި
3 ކައުންސިލަކަށް ރަސްމީކޮށް ފަޅުރަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު/ފޮޓޯ: ޕީއެސްއެމް ނިއުސް
ހުލާސާ
މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރު
4 ފަޅުރަށެއްވަނީ 3 ކައުންސިލަކާއި ހަވާލުކުރައްވާފައި
އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ރަސްމީގޮތެއްގައި ފަޅުރަށްތަކެއް ކައުންސިލްތަކާއި ޙަވާލުކުރައްވާފިއެވެ. މާލީ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުމަށް 4 ފަޅުރަށެއްވަނީ 3 ކައުންސިލަކާއި ހަވާލުކުރައްވާފައެވެ.
ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަށް ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ގުޅިގެންވަނީ ކައުންސިލްތަކާއި އެކު ސޮއިކުރައްވާފައެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި އެކަމަށްޓަކާ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގެ ދަށުން ފަޅުރަށްތައް ހަވާލުކޮށްފައިވަނި، ދ. އަތޮޅު ކައުންސިލް، ރ. އިނގުރައިދޫ ކައުންސިލް، އަދި ލ. މާވަށު ކައުންސިލާއެވެ. އެގޮތުން، ދ. އަތޮޅު ކައުންސިލާއި ހަވާލުކޮށްފައިވަނީ ދ. މިނިމަސްގަލި އަދި ދ. ފެންފުށި އެވެ. ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ ނަމަކަށް ކިޔާ ފަޅުރަށެއް ހަވާލުކޮށްފައިވާ އިރު، ލ. މާވަށު ކައުންސިލަށް ހަވާލުކޮށްފައިވަނީ ލ. ބޮޑުމާބުޅަލި އެވެ.
މި އެއްބަސުވުންތަކުގައި ދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިޢު އެވެ. މީގެ އިތުރުން، ރ. އިނގުރައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލްއެވެ. އަދި، ލ. މާވަށު ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އެވެ.
މި އެއްބަސްވުންތަކުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި ދޫކުރި ފަޅުރަށްތަކަކީ އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި މަންފާލިބޭނެ ތަނަކަށް ހެދުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ. ހަމަ އެހެންމެ މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ފަޅުރަށްތައް ދޫކުރުމުގެ މަސައްކަތަކީ ޤަވާއިދުތަކާއި އުޞޫލުތަކަށް ބަދަލުތަކެއް ގެނެސްގެން ކުރެވުނު ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.
ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަކީ، ކައުންސިލްތައް ޒިންމާދާރުކުރުވާ މާލީގޮތުން ބާރުވެރިކުރުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ. އަދި، މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.