ޚަބަރު
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންޑިއާއާއި އެކު މަޝްވަރާކުރައްވައިފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބަލަސުބްރަމަނިއަމް އާއި ބައްދަލުކުރެއްވުން/ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ހުލާސާ
ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިންޑިއާއާއި ގުޅިގެން ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިކަމާއި ގުޅިގެން، ދަނޑުވެރިކަމާއި ބެހޭ ވުޒާރާގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބަލަސުބްރަމަނިއަމް އާއި އެކު އެކިއެކި މަޝްވަރާތައް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް، ބާޒާރުތަކަށް ނެރޭ ޖަމާޢަތްތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުޑް ސެކިއުރިޓީ އާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އިންޑިއާއަކީ ދަނޑުވެރިކަމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އަދި ރާއްޖެއަށް އެތެރެކުރާ ގިނަ ކާބޯތަކެއްޗަކީ އިންޑިއާއިން އުފައްދާ ބާއްވަތްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.