ޚަބަރު
ތިމަރަފުށި ފަރުމައްޗަށް އެރި ލޯންޗެއް ފުންކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ
ތިމަރަފުށި ފަރަށް އެރި ލޯންޗު ފުންކޮށް އެއްގަމަށް އެރުވުން/ފޮޓޯ: އެމްއެންޑީއެފް
ހުލާސާ
ލޯންޗު ފުންކުރެވިފައިވަނީ 18:15 ހާއިރު
ލޯންޗުގައި ތިބީ އެ ލޯންޗުގެ ދެ ފަޅުވެރިން
ތ. ތިމަރަފުށި ފަރުމައްޗަށް އެރި ލޯންޗެއް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ލޯންޗު ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުނީ އިއްޔެ 17:45 ހާއިރުކަމަށެވެ. އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ލޯންޗު ފުންކުރެވިފައިވަނީ 18:15 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ލޯންޗު ފުންކޮށް އެއްގަމަށް އެރުވުމުގެ މަސައްކަތުގައި އެ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށެވެ.
މި ލޯންޗަކީ ތިމަރަފުށި މިކާޑޯ ގެސްޓް ހައުސްއިން، ފަތުރުވެރިން ގޮވައިގެން ދަތުރުކުރުމަށް ބޭނުންކުރާ ލޯންޗެކެވެ. ނަމަވެސް، ލޯންޗު ފަރަށް އެރި އިރު ލޯންޗުގައި ތިބީ ހަމައެކަނި އެ ލޯންޗުގެ ދެ ފަޅުވެރިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.