ޚަބަރު
ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޛުން ގެނައުމަށް ވިސާ ދޫކުރާ އުޞޫލުތައް އިޢުލާންކޮށްފި
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ/ފޮޓޯ: ސަން އޮންލައިން
ހުލާސާ
އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިސާއަށް އެދި ހުށައެޅޭނެ
މިއަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވިޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޛުން ގެނައުމުގައި ޢަމަލުކުރަން ޖެހޭނެ އުޞޫލުތައް މޯލްޑިވްސް އިމިގްރޭޝަނުން އިޢުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ކުރި އިޢުލާނުގައި ވަނީ ރާއްޖެ ގެންނަން ބޭނުންވާ ޙާފިޛުން ނުވަތަ ޤާރީންގެ ވިސާއަށް އެދި ހުށައެޅުމުން, ޝަރުތު ހަމަވެ، ހުއްދަ ދޭ ފަރާތްތަކަށް އެމީހުން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ މުއްދަތަކަށް ސްޕެޝަލް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ރާއްޖެއިން ބޭރުން ޙާފިޛުން ގެންނަން ބޭނުންވާ ފަރާތްތަކުން، އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިމިގްރޭޝަނުގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ވިސާއަށް އެދި ހުށައެޅުމުން ، ހުށައަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް އިން ޖަވާބުދާރީވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި، ވިސާއާއި ގުޅޭ އެންމެހާ ކަންތައްތައް ޤަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވަނީ، ޤާރީންނާއި ޙާފިޛުންގެ ޢާއިލާ މެންބަރުން އަންނަ ނަމަ، އެމީހުންނާއި ދޭތެރޭގައި ޢަމަލުކުރަންޖެހޭ ގޮތް ވެސް ވިދާޅުވެފައެވެ. އެގޮތުން، އެފަރާތްތަކުން އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑެކްލެރޭޝަން" ފޯމު ހުށައަޅަން ޖެހޭނެއެވެ. އަދި، މި ފަރާތްތަކަށް ދޫކުރާނީ، 30 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވިސާއެއް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމިގްރޭޝަނުން ވަނީ، ވިސާ އެޕްރޫވްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން ރާއްޖެ ނައުމަށް އިލްތިމާސްކުރައްވާފައެވެ. އަދި، ދޫކުރާ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން، އެފަރާތްތަށް ރާއްޖެއިން ފުރުވާލުމަކީ، އެފަރާތްތައް ރާއްޖެ ގެނައުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުގެ ޒިންމާއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވިސާއަށް ހުއްދައަށް އެދި ހުށައެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.