ޚަބަރު
ތ. ގުރައިދޫގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ތައްޔާރުވެއްޖެ: އެމްޓީސީސީ
ތ. ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކަން ތައްޔާރުވުން/ފޮޓޯ: އެމްޓީސީސީ
ހުލާސާ
މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް ޖެހުމުގެ މަސައްކަތް
ތ. ގުރައިދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
ގުރައިދޫގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކޮންޓްރެކްޓް އުސޫލުންނެވެ. އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 378،350 ކިއުބިކް މީޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، 979 މީޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، ބިން ހިއްކާ ސަރަޙައްދުގައި މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ބިން ހިއްކުމުގެ މި މަސައްކަތަކީ 106.02 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މުއްދަތަކީ 300 ދުވަހެވެ.
ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.