ޚަބަރު
ހއ. ތަކަންދޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި
ކައުންސިލް އިމާރާތުގެ ބިންގާ އެޅުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ރައީސް ވަނީ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމަވާފަ
ތިލަދުންމަތީ އުތުރުބުރީ ހއ. ތަކަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތަކަންދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.
ކައުންސިލްތަކުގެ ޖާގައިގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އައު އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ރައީސް ވަނީ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމަވާފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރައްވާފައި ވަނީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ އެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
ހެކްސްޓަރގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރެއްވުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.