ޚަބަރު
ހއ. އުލިގަމުގެ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި
ހއ. އުލިގަމު ކައުންސިލް އައު އިމާރާތުގެ ބިންގާ އެޅުއްވުން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
މި މަސައްކަތް ކުރުމަށް ހަވާލުކުރައްވާފައި ވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ
ތިލަދުންމަތީ އުތުރުބުރީ ހއ. އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އުލިގަމު ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.
ކައުންސިލްތަކުގެ ޖާގައިގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އައު އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ރައީސް ވަނީ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމަވާފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރައްވާފައި ވަނީ، މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ އެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.