ޚަބަރު
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން/ފޮޓޯ: ވިޒިޓް މޯލްޑިވްސް
ހުލާސާ
މި އެވޯޑު ޙަފްލާގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމްލަ 30 އެވޯޑެއް ޙާސިލްކޮށްފައި
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މި އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އަހަރެވެ.
މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލޮމްބޯގައެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަޓާ އެވޯޑަށް ކުރިމަތިލުމަށް އެދި، ހުށައަޅަން ޖެހޭނީ ސަޓާ ވެބްސައިޓް އިންނެވެ.
ސައުތު އޭޝިއަން ޓްރެވެލް އެވޯޑަކީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އެގޮތުން، މި އެވޯޑު ޙަފްލާގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމްލަ 30 އެވޯޑެއް ޙާސިލްކޮށްފައެވެ. އޭގެ ތެރޭގައި، 15 ގޯލްޑް އެވޯޑް އަދި 14 ސިލްވަރ އެވޯޑް ހިމެނެއެވެ. ސަޓާ އެވޯޑު ޙަފްލާގައި، ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ، ވިޒިޓާސް ޗޮއިސްގެ "ލީޑިންގ ބީޗް ޑެސްޓިނޭޝަން" އެވޯޑެވެ. މި އެވޯޑުގައި، ރާއްޖޭގެ އެކިއެކި ރިސޯޓުތަކާއި، ހޮޓަލްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ކުންފުނިތަކުން ވަނީ އެކި އެވޯޑްތައް ޙާސިލުކޮށްފައެވެ.
ސަޓާ އެވޯޑުގެ ތަފާތު އެކިއެކި ކެޓަގަރީތަކަށް ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، އިންޑިއާ، އަދި ބޫޓާން އިން ވާދަކުރެއެވެ. މިދިޔަ އަހަރުގެ ސަޓާ އެވޯޑް 144 ދާއިރާތަކުން ވަނީ ދީފައެވެ. އޭގެ ތެރޭގައި، 51 ގޯލްޑް އެވޯޑާއި 93 ސިލްވަރ އެވޯޑް ހިމެނެއެވެ. ސަޓާ އެވޯޑަކީ 2016 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ. މި އެވޯޑް ދިނުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މި އެވޯޑު ދިނުމުގެ ޙަރަކާތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމާޢަތްތައް ބައިވެރިވެއެވެ.
މިދިޔަ އަހަރުގެ ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ނޭޕާލްގެ ކަތަމަންޑޫގައެވެ.