ޚަބަރު
ލޭ ހަދިޔާކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ޙަފްލާގެ ތެރެއިން/ފޮޓޯ: ސިއްޙީ ވުޒާރާ
ހުލާސާ
ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު އެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް
"ޖޮއިން ދަ ހީރޯސް" ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ.
ލޭ ހަދިޔާ ކުރުމުގެ މި ކެމްޕެއިނަކީ، މޯލްޑިވިއަން ބްލަޑް ސަރވިސް އާއި ލޭ އެޕް ގުޅިގެން ކުރިއަށް ގެންދާ ޤައުމީ ކެމްޕެއިނެކެވެ. މި ކެމްޕެއިން ފައްޓަވާދެއްވާފައި ވަނީ، ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ވަޒީރު ވިދާޅުވީ، ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އެ ޚިދުމަތް ފޯރުކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ. ހަމަ އެހެންމެ، ތެލެސީމިއާ ހުންނަ މީހުންނަށް އަޅާލުމާއި، ލޭ ހަދިޔާކުރުމަށާއި، ލޭ ރައްކާކުރުމުގެ ނިޒާމު މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ފެށި މި ކެމްޕެއިން ފެށުމުގެ ސަބަބުން މުޅި ރާއްޖެއަށް މިކަން ފުޅާވެގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ލޭ އެޕް މެދުވެރިކޮށް ލޭ ހަދިޔާކުރުމުގެ ފުރުސަތު ފަހިވުމުން ރާއްޖޭގައި މިކަމަށް ޢާންމުން ހޭލުންތެރިވާ މިންވަރު އިތުރުވެގެން ދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ވަޒީރު ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސަރވިސް އަށް ޢާންމުން އިސްވެ ލޭ ހަދިޔާކުރަނީ 35 އިންސައްތަ ކަމަށެވެ. އެހެންކަމުން، މި އަދަދު އިތުރުކުރުމަށް ކުރެއްވި މަސައްކަތްތަކުން މިހާތަނަށް ލޭ ހަދިޔާ ކުރާ މިންވަރު 33 އިންސައްތަ އިތުރުވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، އަދިވެސް ލޭ ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ޢާންމު ރައްޔިތުން އިސްވެ ލޭ ހަދިޔާކުރާ މިންވަރު އިތުރުކުރުންކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ހަމަ އެހެންމެ، މި ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެކިއެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މި ކެމްޕެއިންގެ ޒަރީޢާއިން ފަހިވެގެންދާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ކެމްޕެއިން ނިންމާލުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުއެވެ. އެއީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހެވެ.