ޚަބަރު
މޯލްޑިވިއަންގެ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށްފި
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް/ފޮޓޯ: އެޑިޝަން އެމްވީ
ހުލާސާ
އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ޙައްލުކުރެވިފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަންގެ ބުކިންގ ސިސްޓަމަށް މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން، ބުކިންގ ސިސްޓަމް މެދުވެރިކޮށް އެއްވެސް ބުކިންގ އެއް ނުހެދުމަށް މޯލްޑިވިއަނުން ވަނީ އޭރު އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އޭރު މޯލްޑިވިއަނުން އެދުނީ، މައްސަލަ ޙައްލުކުރެވެންދެން ބުކިންގ ހެއްދުމަށް މޯލްޑިވިއަންގެ ކޯލް ސެންޓަރ ގެ ނަމްބަރު 1671 އަށް ގުޅައިގެން ނުވަތަ އީ-މެއިލް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށެވެ.
މޯލްޑިވިއަންގެ ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައާއި ގުޅިގެން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު އައިސްފައިވާކަން ވަނީ ދައްކާފައެވެ. އެގޮތުން، އެކިއެކި ރަށް ރަށުގެ ޓިކެޓްގެ އަގު ބޮޑުވެފައިވާކަމަށް އެވަގުތު މޯލްޑިވިއަންގެ ވެބްސައިޓުން ވަނީ ދައްކާފައެވެ. ނަމަވެސް، މޯލްޑިވިއަނުން ބުނީ، އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި، އެގޮތަށް އަގުތައް ބަދަލުވެފައިހުރިކަން ދައްކާފައި ވަނީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި، މިހާރު މި މައްސަލަ ވަނީ ޙައްލު ކުރެވިފައެވެ.
މޯލްޑިވިއަނުން ވަނީ، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި، މިކަހަލަ ވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.