ޚަބަރު
ނިމިދިޔަ ޖަނަވަރީ މަހު ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަހަށް ގޮސް އުޅުމުގެ ތެރެއިން/ފޮޓޯ: ސްޕޯޓް ކުއެސްޓް ހޮލިޑޭ
ހުލާސާ
މިއަހަރުގެ ޖަނަވަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %8 ކުރިއަރާފަ
މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިންނަށް ދޭ ފައިސާގެ އަދަދު ވަނީ %47 އިތުރުވެފައި
ނިމިދިޔަ ޖަނަވަރީ މަހު، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެއެވެ. މިއީ ރާއްޖޭގެ އިޤްތިސާދުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު 2 ސިނާޢަތެވެ.
މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވަނީ، މުޅިން އަލަށް 2 މިލިއަނަށްވުރެން ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލުމާތުދެއްވާ ގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 207،798 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް، ނިމިދިޔަ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 192،385 ފަތުރުވެރިންކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން، މި މަޢުލޫމާތުތަކުން ދައްކާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %8 ކުރިއަރާފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިން ކަމަށެވެ. އެގޮތުން، ޗައިނާ އިން ޖުމްލަ 36،169 ފަތުރުވެރިން ވަނީ މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޗައިނާ އަށް ފަހު މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިއާ އާއި އިޓަލީވިލާތުންނެވެ. އެގޮތުން، ރަޝިއާ އިން 22،124 ފަތުރުވެރިން ރާއްޖެ އައިސްފައި ވާ އިރު، އިޓަލީވިލާތުން ޖުމްލަ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 20،686 ފަތުރުވެރިންނެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޖަނަވަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ރާއްޖެއަށް ޖުމްލަ 9495 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތަށް ބަލާލާ އިރު، ނިމިދޔަ ޖަނަވަރީ މަހު މިފްކޯއިން ކިރާފައިވާ މަހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، މިފްކޯއިން ވަނީ ޖުމްލަ 1750 ދޯންޏަކުން ކިރާފައިވާ މަހަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެންބަރު މަހު މިފްކޯ އިން ކިރުވާފައިވާ މަހަށް ދޫކޮށްފައިވަނީ 68 މިލިއަނެއްހާ ރުފިޔާ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހާއި އަޅާ ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު މި އަދަދު މި ވަނީ %47 އިތުރުވެފައެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ވަނީ ފަށައިފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތާއި މަސްވެރިކަމުގެ ސިނާޢަތް އައު ހަރުފަތަކަށް ގެންދިއުމުގައި ސަރުކާރާއި، ކަމާ ގުޅުން ހުރި ވުޒާރާތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރަން ޖެހެއެވެ.