ވިޔަފާރި

ރެކޯޑު އަދަދަކަށް މި އަހަރު އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނައުމަށް އެމްއެމްޕީއާރުސީން އަމާޒު ހިފައިފި

ރެކޯޑު އަދަދަކަށް މި އަހަރު އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނައުމަށް އެމްއެމްޕީއާރުސީން އަމާޒު ހިފައިފި

ރާއްޖޭގެ އިޒޯޓެއްގެ ދޮންވެލި ގޮނޑުދޮށެއްގައި ބޮލީވުޑްގެ ތަރިއެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ފެބްރުއަރީ 2025، 06:27

04 ފެބްރުއަރީ 2025، 06:27

ހުލާސާ

އެމްއެމްޕީއާރުސީގެ އަމާޒަކީ މި އަހަރި އިންޑިއާއިން 3 ލައްކަ ފަތުރުވެރިން ގެނައުން.

ރެކޯޑު އަދަދަކަށް މި އަހަރު އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންޝް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އަމާޒު ހިފައިފިއެވެ. އެގޮތުން އެ ކޯޕަރޭޝަންގެ އަމާޒަކީ ރާއްޖެ އިތުރަށް އިންޑިއާގައި އިޝްތިހާރުކޮށް، މި އަހަރު އެ ޤައުމުން 3 ލައްކަ ފަތުރުވެރިން ގެނައުންކަމަށް ވަނީ ހާމަކޮށްފައެވެ. 

މިހާތަނަށް އިންޑިއާ ފަތުރުވެރިން އެއް އަހަރެއްގައި އެންމެ ގިނައިން އައިސްފައި ވަނީ 2021ގައެވެ. އެ އަހަރު އެ ޤައުމުން 291،787 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

އެ އަހަރުގެ ފަހުން ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، މިހާރު އެ އަދަދު އަންނަނީ މައްޗަށް ޖެހެމުންނެވެ. އެގޮތުން 2022 ވަނަ އަހަރު އިންޑިއާއިން 241،361 ފަތުރުވެރިން އައިސްފައިވާއިރު، 2023 ވަނަ އަހަރު އިންޑިއާއިން އައިސްފައިވަނީ 209،100 ފަތުރުވެރިންނެވެ. އަދި މި ނިމުނު 2024 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 130,328 ފަތުރުވެރިންނެވެ.

އިންޑިއާއިން މި އަހަރު 3 ލައްކަ ފަތުރުވެރިން ގެނައުމުގެ މަޤުސަދުގައި އެމްއެމްޕީއާރުސީން އެ ޤައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން، ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނޭކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީން ވަނީ މި މަހުގެ އެއްވަނަ ދުވަހު މުމްބާއީގައި "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި ބޮޑު ހަފްލާއެއް ވެސް ބާއްވާފައެވެ. މި ހަފްލާގައި ބޮލީވުޑްގެ 100އަށް ވުރެން ގިނަ ތަރިން ވަނީ ބައިވެރިވެފައެވެ. 

މި ހަރަކާތާ ގުޅިގެން އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތުގައި ބައިވެރިވި މަޝްހޫރު ފަންނާނުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 10,518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެޤައުމަކީ މިހާރު ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.

މި ލިޔުން ކިޔާލުމުން