ކުޅިވަރު / ޚަބަރު
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ވަގުތީގޮތުން ޝުޖާއު އައްޔަނުކޮށްފި
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރި މުހައްމަދު ޝުޖާއު|ފޮޓޯ: ޕީއެސްއެމް
ހުލާސާ
ޝުޖާޢު ވަނީ ސަރުކާރު އެކި ކުންފުނިތަކުގައި އިސް މަޤާމުތައް ފުރުއްވާފައި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ވަގުތީގޮތުން މުހައްމަދު ޝުޖާއު އައްޔަނުކޮށްފިއެވެ. ޝުޖާއު އެ މަޤާމަށް އައްޔަންކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި މަޤާމަށް އެހެން ފަރާތެއް އައްޔަންކޮށްފައި މި ވަނީ، މި މަޤާމުގައި ހުރި ނާހިލް އަހްމަދު ސިއްދީގު މިދިޔަ އަންގާރަ ދުވަހު އަމިއްލައަށް އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ. އެފްއޭއެމް އިން ވިދާޅުވީ، ނާހިލް މަޤާމުން އިސްތިޢުފާދިނުމުން، އެ މަޤާމާއި ގުޅޭ މަސައްކަތްތައް ކުރަމުން އައީ, އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން ކަމަށެވެ.
އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މިހާރު އައްޔަންކޮށްފައި ހުރި ޝުޖާޢު އަކީ، ސަރުކާރު އެކި ކުންފުނިތަކުގައި އިސް މަޤާމުތައް ފުރުއްވާފައިވާ ފަރާތެކެވެ. އެގޮތުން، އެންމެ ފަހުން ޝުޖާއު އަދާކުރައްވާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.
މި މަޤާމުގައި ހުރި ނާހިލް އަހްމަދު ސިއްދީގު މި އިސްތިޢުފާދީފައި މި ވަނީ، އެފްއޭއެމް ގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ގިނަ މައްސަލަކެއް ވަނީ ފެންމަތިވެފައެވެ. އަދި، މި މައްސަލަތަކުގެ އަޑު އެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ބައްސާމް ވަނީ އޭނާގެ މައްޗަށް ކުރަމުންދާ ދައުވާތަކަށް އިންކާރުކޮށްފައެވެ.
ފީފާގެ އެންގުމުގެ މަތިން އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އިންތިހާބު އެންމެ ލަސްވެގެން ވެސް 31 ޖުލައި 2025ގެ ކުރިން ބާއްވަން ޖެހޭނެކަމަށް އެފްއޭއެމް އިން ވަނީ އަންގާފައެވެ.